06 Mar 2012, 10:45
މި އަހަރުގެ ޔޫތު ޗެލެންޖް، ކިއްސަރު އަދި ފަނާރު ފެއާ އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހު ފެށޭނެކަމަށް އެ ފެއާ ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ޑެއިޜް ޕްރައިވެޓް ލިމިޓަޑް އިން ބުނެފި އެވެ.
ޑެއިޜް ޕްރައިވެޓް ލިމިޓަޑްގެ އެކައުންޓް މަނޭޖާ މުހައްމަދު ވާފިރު މިއަދު ވިދާޅުވީ މިއަހަރުގެ ޔޫތު ޗެލެންޖް އަދި ކިއްސަރު ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ ފުރަތަމަ ތިން ދުވަހު އެވެ.
"މިއަހަރުގެ ފެއާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހުގެ ނިޔަލަށް،" ވާފިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ފެއާގައި ވެސް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީގެ އިތުރުން ރިޒޯޓްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އަހަރުގެ ފެއާގައި 100 ވަރަކަށް ސްޓޯލަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވާފިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫތު ޗެލެންޖްގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް މަތީތައުލީމު ހާސިލުކުރުމަށް ޚިޔާރުކުރާނެ ރޮނގުތަކާބެހޭ ގޮތުން މައުލޫމާތު ދިނުން ކަމަށެވެ. އަދި ކިއްސަރަކީރާއްޖޭގައި ވަޒީފާގެ ފުރުސަތު އޮތް ދާއިރާތަކާއި އޮތް މިންވަރު ޒުވާނުންނަށް އަންގައިދިނުމުގެ ގޮތުން ފެއާގައި ހިމެނިފައިވާ ބައެއް ކަމަށް ވެސް ވާފިރު ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ފެއާއަށް 6000 އަށް ވުރެ ގިނަ ދަރިވަރުންނާއި ބެލެނިވެރިން އަދި ވަޒީފާ ހޯދުމަށް ޝައުގުވެރިވި ފަރާތްތަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވާފިރު ވިދާޅުވި އެވެ.