ކޮވިޑް-19ގެ އައު ވޭރިއަންޓް، އޮމިކްރޯންއަށް ޕޮޒިޓިވްވި ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެ ފަތުރުވެރިޔާއަކީ މިދިޔަ މަހުގެ 21ވަނަ ދުވަހު ރާއްޖެ އައި، ދެކުނު އެފްރިކާގެ މީހެކެވެ. އަދި އެއީ އާ ވޭރިއެންޓުގެ ކޭސްއެއްކަން ޔަގީންވީ މިދިޔަ މަހުގެ 30ވަނަ ދުވަހު ޖީނޯމިކް ސިކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް ސާމްޕަލްތަކެއް ފޮނުވައި، އޭގެ ނަތީޖާ ލިބުމުންނެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށެވެ.

"ފަރުވާ ކުރިއަށް ދަނީ ހަމަ ކޮވިޑް-19ގެ އެހެން ކޭސްތަކުގައިވެސް ކުރިއަށް ދާ ގޮތަށް. ހާލަތު މާ ބޮޑަށް ދަށް ވާނަމަ ހޮސްޕިޓަލަށް ބަދަލު ކުރާނެ. މިވަގުތު އޭނާގެ ހާލަތު ވަރަށް ރަނގަޅު،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ފަތުރުވެރިޔާއާ ގާތުން ބައްދަލުވި ދެ މީހަކު ނުވަތަ "ކްލޯޒް ކޮންޓެކްޓްސް" ފާހަގަކުރެވި، އެމީހުން ޓެސްޓުކޮށްފައިވާ ކަމަށާއި އެމީހުން ޕޮޒިޓިވް ނުވާކަން އެޗްޕީއޭއިން ފާހަގަކުރިއެވެ. އަދި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއީ ރާއްޖެއިން އޮމިކްރޯންއަށް މީހަކު ޕޮޒިޓިވްވީ ފުރަތަމަ ފަހަރެވެ. އޭގެ ސަބަބުން އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަނެއްކާވެސް ނަސޭހަތްތެރިވެފައެވެ.

އެގޮތުން، މި ބަލީގެ އަލާމާތެއް ފެންނަނަމަ ފްލޫ ކްލިނިކަށް ދައްކައި، ވީއެންމެ އަވަހަކަށް ޓެސްޓު ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އޮމިކްރޯންއަކީ "ވޭރިއަންޓް އޮފް ކޮންސާން"އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅައިފައިވާ ވޭރިއަންޓެކެވެ. މިހާތަނަށް 46 ގައުމަކުން އެ ވޭރިއަންޓްވަނީ ފެނިފައެވެ.

އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.