ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ވެރިކަމަށް އެރި ފަހުން އެ ގައުމުގެ އަންހެން ކުދިންނަށް ތައުލީމް ހާސިލްކުރުމަށް ސްކޫލަށް ދިއުމުގެ ފުރުސަތު ބަންދުކޮށްފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

އެއާއެކު، އެއީ އަންހެން ކުދިންނަށް އޭގެ ސަބަބުން ގިނަ ގެއްލުންތަކަކާ ކުރިމަތިވަމުން އަންނަ ކަމެއްކަމުގެ ކަންބޮޑުވުން ޓީޗަރުން ވެސް އަންނަނީ ފާޅުކުރަމުންނެވެ.

"ދަރިވަރުން ތިބީ ވަރަށް ބޮޑަށް ދެރަވެފައި. އެ ކުދިން އަންނަނީ ނަފްސާނީ ގޮތުން ގިނަ ކަންތައްތަކެއް ތަހައްމަލުކުރަމުން. އަހަރެން އެ ކުދިން އުފާކޮށްދީ، އުންމީދު އާ ކޮށްދެވޭތޯ ބަލަން. އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް،" ކާބުލްގެ ޓީޗަރަކު ބުންޏެވެ.

އެ ގައުމުގައި އަންހެން ކުދިންނަށް ތައުލީމު ހާސިލްކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހުނީ ތާލިބާން ޖަމާއަތުން ވެރިކަމާ ހަވާލުުވުމުންނެވެ. އޭގެ ފަހުން ސްކޫލްތަކަށް ކިޔަވަން ދާން ހުއްދަ ލިބުނު ޕްރައިމަރީ ގްރޭޑްތަކުގެ އަންހެން ދަރިވަރުންގެ ހާޒިރީ ވެސް ދަށްކަމަށް ޓީޗަރުން އަންނަނީ ބުނަމުންނެވެ.

"ކިޔަވަން ދާން ފުރުސަތު ނެތުމަކީ މަރުގެ ހުކުމެއް ތަންފީޒުކުރުންފަދަ އިހުސާސެއްވާކަމެއް،" އުމުރުން 15 އަހަރުގެ ދަރިވަރެއް ކަމަށްވާ މީނާ ބުންޏެވެ.

އަފްގާނިސްތާނުގެ ބައެއް ޕްރޮވިންސްތަކުގައި ތާލިބާން ޖަމާއަތުގެ އޮފިޝަލުންނާ މަޝްވަރާކުރުމަށްފަހު ޕްރައިމަރީ ގްރޭޑްތަކަށް ކިިޔަވައިދޭ ސްކޫލްތައް މިހާރު އަންނަނީ ހުޅުވައި ހިންގަމުންނެވެ.

ނަމަވެސް ސެކަންޑަރީ ސްކޫލްތައް އަންހެން ކުދިންނަށް އަދިވެސް ވަނީ ބަންދުކޮށްފައެެވެ. އެއާއެކު އެ ގައުމުގެ އެކްޓިން ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓަރު އަބްދުލް ހަކީމް ހެމަތުވަނީ އާ ތައުލީމީ އުސޫލުތަކަކާއި ސިޔާސަތުތަކެއްް ކަނޑަނޭޅެނީސް އަންހެން ދަރިވަރުންނަށް އެ ފުރުސަތު ނުދޭނެކަމަށް ވިދާޅުވެފައެވެ.