08 Dec 2021, 03:40
ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުނު ގުރޫޕް އޭގެ ފަހު މެޗުގައި ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ ޖެހި ގޯލުތަކާއެކު ޕީއެސްޖީ މޮޅުވެއްޖެއެވެ.
ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމުގައި މިރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗުގައި ކުލަބް ބުރޫޖް އަތުން ޕީއެސްޖީ މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި މެސީ ދެ ގޯލު ޖެހިއިރު، ފްރާންސްގެ ފޯވާޑް އެމްބާޕޭ ވެސް ވަނީ ދެ ގޯލު ޖަހާފައެވެ. މި މޮޅާއެކު ޕީއެސްޖީ އޮތީ 11 ޕޮއިންޓާއެކު ގްރޫޕް އޭގެ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި އާރުބީ ލިޕްޒިގު މިރޭގެ މެޗުގައި ބައްދަލު ކުރި އިރު އެމެޗުން ސިޓީ ވަނީ ބަލިވެފައެވެ.
ޕީއެސްޖީ އާއި ބުރޫޖު ބައްދަލުކުރި މެޗްގެ ފުރަތަމަ ހާފު ފެށިގެން އެއް މިނެޓު ކުޅެފައި ވަނިކޮށް ޕީއެސްޖީއަށް ލީޑު ނަގައިދިނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖައްސައި އެމްބާޕޭ ޖެހި މޮޅު ގޯލުންނެވެ. ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދައި މެޗުގެ ހަތް ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނީ އެންޖެލް ޑި މާރިއާ ނަގައިދިން ހުރަހަކުން އެ ބޯޅަ ބިމުގައި ނުޖެހެނީސް ބާރު ސްޕީޑުގައި އެމްބާޕޭ ފޮނުވާލި ހަމަލާއިންނެވެ.

މިރޭގެ މެޗުގެ ދެވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ--
އުމުރުން 22 އަހަރާއި 352 ދުވަސް ވެފައިވާ އެމްބާޕޭ ވަނީ ޖެހި ދެ ގޯލާއެކު ޗެމްޕިއަންސް ލީގުގައި 30 ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ މެސީގެ ރެކޯޑް މުގުރާލައިފައެވެ. ފުރަތަމަ ހާފުގައި ކްލަބް ބުރޫޖުން ނެދަލެންޑުގެ ނޯ ލަންގް ގޯލަށް އަމާޒުކޮށް ހަމަލާތައް އުފެއްދި ނަމަވެސް ބެލަންޑޯ އެވޯޑު ކާމިޔާބުކުރި ޑޮނަރުންމާ ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފު ނިމުނުއިރު 0-2 ގެ ނަތީޖާއަކުން ޕީއެސްޖީ ލީޑު ނަގައިފައިވާއިރު، އެ ހާފުގެ 37 ވަނަ މިނެޓުގައި އޭރިއާ ބޭރުން ކުލަބް ބުރޫޖްގެ ކުޅުންތެރިއެއް ކައިރިން ނެއްޓުމަށްފަހު ފޮނުވާލި ބޯޅައާއެކު ގޯލު ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ތަރި އަދި ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނު މެސީއެވެ.
— Mohamed Shaanif (@mohamed_shaanif)December 7, 2021
ޕީއެސްޖީން ލީޑު އިތުރަށް ފުޅާ ކުރުމާ ގުޅިގެން ބްރޫޖުން ހަމަލާތައް ނުރައްކާ ކުރަމުން ގެންދިޔައެވެ. ނޯ ލަންގް ޕީއެސްޖީގެ ދެ ޑިފެންޑަރުން ކައިރިން ނެއްޓުމަށްފަހު ދިން ޕާހަކުން މެޓްސް ރިޓްސް ގޯލު ޖަހައި ސުމެއް ކަނޑުވާލަ ދިނީ މެޗުގެ 61 ވަނަ މިނެޓުގައެވެ.
މެޗުގެ 68 ވަނަ މިނެޓުގައި މެސީއަށް ކުރި ފައުލާ ގުޅިގެން ޕީއެސްޖީއަށް ޕެނަލްޓީ އެއް ލިބުނެވެ. މެސީ ޕެނަލްޓީ ގޯލަށް ވެއްދުމާއެކު އޭނާ ވަނީ 758 ގޯލާއެކު ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ ކެރިއާ ގޯލު ޖެހި ބްރެޒިލްގެ ތަރި ޕެލޭގެ ރެކޯޑް މުގުރާލައިފައެވެ.

މެސީ ގޯލު ޖެހުމަށްފަހު ކިލިއަން އެމްބާޕޭ އާއި އިދްރީސާ ގުއޭޔޭއާއެކު އުފާ ފާޅުކުރަނީ
ޕީއެސްޖީ އާއި ކުލަބް ބްރޫޖް ފުރަތަމަ ލެގުގައި ބައްދަލު ކުރި އިރު ދެޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. މިރޭގެ މެޗުގައި މެސީ އާއި އެމްބާޕޭ ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެޓީމުގެ ކެޕްޓަން ވަނީ ބްރޫޖުން އުފައްދަން މަސައްކަތް ކުރި ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ.
މިރޭ ސިޓީ އަދި އާރުބީ ލިޕްޒިގް ބައްދަލުކުރި މެޗު ނިމުނީ 2-1 ގެ ނަތީޖާ އަކުން ލިޕްޒިގުން މެޗް ކާމިޔާބުކޮށްގެނެވެ.
ރެޑް ބުލް އަރީނާ ލިޕްޒިގު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލިޕްޒިގަށް ލީޑު ނަގައިދިނީ މެޗުގެ 24 ވަނަ މިނެޓުގައި ޑޮމިނިކް ޒޮބޮސްލައި ސިޓީގެ ކީޕަރު ކައިރިން ނެއްޓުމަށްފަހު ޖެހި ރީތި ގޯލުންނެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެދު ތެރޭގައި ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި ދެ ޓީމުން ވެސް ދިޔައީ ލިބޭ ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންނެވެ.

ޑޮމިނިކް ޒޮބޮސްލައި މެޗުގެ ފުރަތަމަ ގޯލު ޖެހުމުގެ ތެރެއިން--
ދެވަނަ ހާފު ފެށިގެން އައިއިރު ސިޓީ އިން ރަނގަޅު ހަމަލާތައް އުފެއްދި ނަމަވެސް މެޗުގެ 71 ވަަނަ މިނެޓުގައި ލިޕްޒިގަށް ލީޑު ފުޅާކޮށްދިނީ އަންދްރޭ ސިލްވާ ޖެހި ހިތްގައިމު ގޯލުންނެވެ. މެޗު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް 2-1 އަކަށް މެޗުގެ ނަތީޖާ ބަދަލުކޮށްދިނީ ޒިންޗެންކޯ ނަގައިދިން ހުރަހަކުން ބޮލުން ޖަަހައިގެންނެވެ. އެގޯލު ސިޓީ އަށް ރިޔާދް މަހްރޭޒް ކާމިޔާބު ކޮށްދީފަވާއިރު އެއީ މިއަހަރު ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ނުވަވަނަ ގޯލެވެ.
މިމެޗުގެ 82 ވަނަ މިނެޓުގައި ލިޕްޒިގްގެ ކުޅުންތެރިއަކަށް ކޭލް ވޯކާ ކުރި ފައުލާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ކުރިއަށް އޮތް މެޗަށް ސަސްޕެންޑުކޮށްފައެވެ. ސިޓީ އަށް ރަނގަޅު ޑިފެންސެއް ކޮށްދެމުން އަންނަ ވޯކާ ސަސްޕެންޑް ކުރުމަކީ ސިޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ލިޕްޒިގްގެ ކުޅުންތެރިއަކަށް ކޭލް ވޯކާ ފައުލް ކުރުމާ ގުޅިގެން ރެފްރީ ރަތް ކާޑު ދައްކަނީ--
ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ އިން ރައުންޑް އޮފް 16 އަށް ވަނީ ސިޓީ އަދި ޕީއެސްޖީ ދަތުރުކޮށްފައެވެ. ސިޓީ ވަނީ 12 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި ޕީއެސްޖީ އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ޕީއެސްޖީ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރި ފުރަތަމަ މެޗުގައި ޕީއެސްޖީ 0-2 ގެނަތީޖާ އަކުން ކާމިޔާބު ކުރިއިރު، ދެވަނަ ލެގުގައި މެޗު ކާމިޔާބު ކުރީ 1-2 ގެ ނަތީޖާ އަކުން ސިޓީއެވެ.