08 Dec 2021, 07:55
ކަމަކާ ދެރަވެއްޖެނަމަ އެއީ ޑިޕްރެޝަން ކަމުގައި ނިންމިދާނެހެއްޔެވެ؟ ނުވަތަ ވަޒީފާ ގެއްލުމުން ދެރަވެ ހިތާމަ ކުރާނަމަ އެއީ ޑިޕްރެޝަން ހެއްޔެވެ؟ ނޫނެކެވެ.
ކަންކަމުގައި އުންމީދު ނުކުރުމާއި ތިމާއަކީ އެއްވެސް ބޭނުމެއްނެތް މީހަކު ކަމުގައި ގަބޫލުކުރުމާއި މާ ގިނައިން ރޮއެ ހިތާމަކުރުމާއި މި ކަންކަން ދެ ހަފުތާއަށް ވުރެ ދިގުލައިފިނަމަ އެއީ ޑިޕްރެޝަންގެ އަލާމާތަކަށް ވެދާނެއެވެ.
ހަމައެއާއެކު ނިދުމަށް އުނދަގޫވެ ނުނިދުމަކީ ޑިޕްރެޝަންގެ އެންމެ އާންމު އަލާމާތެވެ. ސިކުނޑީގައި އެތައް ކަމެއް ހާސްކުރުވާ ވަގުތުގައި ނިދަން ބޭނުންވެފައިވާ ނަމަވެސް ނުނިދުމަކީ މިކަމުގެ އަލާމާތެކެވެ. ހަމައެގޮތަށް މާ ގިނައިން ނިދުމަކީވެސް ބައެއް ހާލަތްތަކުގައި ޑިޕްރެޝަންގެ އަލާމާތަކަށް ވެއެވެ. މާ އަވަސް އަވަހަށް ނިދި އައުމާއި ނިދަން ބޭނުންވުމާއި އެނދުން ތެދުވަން ބޭނުން ނުވެ، އޮށޯވެ އޮންނަން ބޭނުންވުމަކީ ޑިޕްރެޝަންގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. މިކަން މިގޮތަށް ދިމާވާނަމަ ލަސްނުކޮށް ޑޮކްޓެރެއްގެ ލަފައާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެކެވެ.
މާ އަވަހަށް ރުޅި އައުމާއި ކުއްލިއަކަށް ރުޅި ގަދަވުމަކީވެސް ޑިޕްރެޝަން ތަހައްމަލުކުރާ ފަރާތްތަކަށް ދިމާވާ ކަމެކެވެ. މިއީ އެކަމުގެ އަލާމާތެކެވެ. މިކަމުގެ ސަބަބުން އާއިލާއާއި ރައްޓެހިންނާ ޒުވާބު ކުރެވި ދެބަސްވުމާއި ކުދި ކުދި ކަންކަމާ ރުޅިއާދެވޭ ގޮތްވެއެވެ. އަދި ކޮންމެ ދުވަހަކު ދިމާވާ އެކި ކަންކަމާ ރުޅިއާދެވި ރުޅި ކޮންޓްރޯލް ކުރަން އުނދަގޫވެއެވެ. ހާއްސަކޮށް ޑިޕްރެޝަން ތަހައްމަލު ކުރާ ފަރާތްތަކުގެ ތެރެއިން ފިރިހެނުންގެ ފަރާތުން މި އަލާމާތް ފެންނަ ކަމުގައި ވެއެވެ.
ޑިޕްރެޝަން ތަހައްމަލުކުރާނަމަ ކުރާ އެއްވެސް ކަމަކީ ތިމާ ހިތްހަމަ ޖެހޭ ކަމަކަށް ނުވާނެއެވެ. އާއިލާއާއި ރައްޓެހިން ޝާމިލްވެ ގެންދާ މުނިފޫހިފިލުވުމުގެ އެކި އެކި ހަރަކާތްތަކުންވެސް ހިތްހަމަޖެހުމެއް ތިމާއަށް ނުލިބޭނެއެވެ. އަދި އެފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ހާއްސަކޮށް މީހުން ގިނަވެ އަޑުގަދަވުމަކީ ޑިޕްރެޝަން ތަހައްމަލުކުރާ ފަރާތެއްނަމަ އުނދަގޫ ވާނެ ކަންކަމެވެ. އެއީ އެފަދަ މީހުންގެ ފަރާތުން ފެނިދާނެ އަލާމާތަކެވެ. މިކަންކަން ހަ މަހަށް ވުރެ އިތުރު މުއްދަތަކަށް ދިގުލައިފިނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.
ހަށިގަނޑުގެ އެކި ތަންތަނުގައި މާބޮޑަށް ރިއްސުމަކީވެސް މިކަމުގެ އަލާމާތެކެވެ. އާންމުކޮށް ބުރިކަށީގައި ރިއްސުމާއި ކުއްލިއަކަށް ބޮލުގައި މާ ބޮޑަށް ރިއްސުމާއި ބަނޑުގައި ރިއްސުމަކީ ޑިޕްރެޝަންގެ ސަބަބުން ގިނަ ފަރާތްތަކަށް ކުރިމަތިވާ އުނދަގޫތަކެވެ. މޭގަ ރިއްސުމާއި ހަތަރެސްފައިގައި ނުފިލާ ރިހުމެއް ހުރުމަކީވެސް ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ފަރުވާއަށް ކުރެވޭ ބައެއް ކަންކަމަށްފަހު މި ތަދުތަކާއި އުނދަގޫތައް ނުފިލައިފިނަމަ އެއީ ޑިޕްރެޝަންގެ ސަބަބުން ދިމާވާ ކަންތައްތަކަށް ވާތީކަމުގައި ގިނަ ޑޮކްޓަރުން ނިންމައެވެ.
ޑިޕްރެޝަންއަކީ ތިމާއާއި ކެއުމާ ދެމެދު ގުޅުންތައް އުފައްދައިދިނެއް ކަމަކު ބައެއްފަހަރު އެ ގުޅުންތައް ކަނޑުވައި ކަމެކެވެ. ބައެއް ފަހަރު ކެއުމަށް ހަނދާންނެތުމުން ނުކައި ހުރެވުނަސް ނޭނގެއެވެ. ހައިހޫނުކަން އިހުސާސެއް ނުކުރެވޭނެއެވެ. އެފަދަ ހާލަތްތަކުގައި ތިމާގެ ނަފުސު ކެއުމަށް ޖެހެނީ މަޖުބޫރުކުރުވާށެވެ. އަނެއްބައިފަހަރު ކައި އެއްޗެއް ފެނުން ވަނީ ލަހެވެ. އަބަދު ބަނޑުހައިވެފައިވާ ހާލުގައެވެ. މާގިނައިން ކެވުމަކީވެސް ޑިޕްރެޝަންގެ އަލާމާތަކަށް ވެދާނެއެވެ. މިކަމުގެ ސަބަބުން ބަރުދަނަށް ކުއްލި ބަދަލުތައް ގެނުވައެވެ. ކުއްލިއަކަށް މާ ބޮޑަށް ބަރުވުމާއި ލުއިވުން ހިމެނެނީ ޑިޕްރެޝަންގެ އަލާމާތްތަކުގެ ތެރޭގައެވެ. ވީމާ އެފަދަ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަކާ އެކަން ހިއްސާ ކުރުމަކީ މުހިންމުކަމެކެވެ.
މަސްދަރު: ހެލްތްލައިން.ކޮމް