ބޮލީވުޑްގައި އެންމެ ކުލަގަދަކޮށް މިއަހަރު ކުރެވޭ ކައިވެނި ކަމަށްވާ ވިކީ ކޯޝަލްއާއި ކެޓްރީނާ ކައިފްގެ ކައިވެނީގެ ހަރަކާތްތައް އިއްޔެ ފެށިފައިފައިވާއިރު ކައިވެންޏަށްފަހު ދެމަފިރިން ހަނީމޫނަށް އައުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެއަށް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނިކުރަން ހަމަޖެހިފައިވަނީ ޑިސެންބަރު ނުވަ ވަނަ ދުވަހެވެ. ރާޖަސްތާނުގެ ސިކްސް ސެންސަސް ހޮޓަލުގައި ކައިވެނީގެ ހަރަކާތްތައް ފެށިފައިވާއިރު ހަރަކާތްތައް މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.

އެ ދެ މީހުން ހަނީމޫން ހޭދަކުރާނީ ރާއްޖޭގައި ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް ހަނީމޫނަށް ޙިޔާރުކޮށްފައިވާ ރާއްޖޭގެ ވަކި މަންޒިލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރާއްޖެ އައުމުގެ ކުރިން ކައިވެންޏަށްފަހު ދެމަފިރިން މުމްބައިއަށް އެނބުރި ދިއުމަށްފަހު ކައިވެނީގެ ކުޑަ ހަފުލާއެއް ތާޖް ލޭންޑްސް އެންޑްގައި ބޮލީވުޑްގެ ރައްޓެހިންނަށް ބޭއްވުމަށްވަނީ ހަމަޖެހިފައި ކަމަށް އިންޑިއާގެ ޚަބަރުތަކުން ބުނެއެވެ.

ވިކީއާއި ކެޓްރީނާގެ ހަނީމޫނަށް ރާއްޖެ އައި ކަމުގައި ވީނަމަވެސް އެއީ ކުރު ދަތުރަކަށް ވުން ގާތެވެ. ސަބަބަކީ ކައިވެންޏަށްފަހު ދެތަރިންވެސް މަސައްކަތަށް ނިކުތުމަށް ނިންމާފައިވުމެވެ.

އެގޮތުން ކެޓްރީނާ "ޓައިގާ 3" ގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށާއި އިތުރު ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ހުރިކަމަށް މައުލޫމާތު ލިބެއެވެ. އަދި ވިކީގެ "ސޭމް ބަހާދުރް"ގެ މަސައްކަތްވެސް ކުރިއަށް އޮތްކަމަށާއި މި ދެ ތަރިން މިހާރުވެސް ދަނީ އިތުރު ޕްރޮޖެކްޓްތަކާ ހަވާލުވަމުން ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެއެވެ.