06 Mar 2012, 10:34
ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އަރާ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އަދިވެސް އޮތްކަމަށް އެކުލަބުގެ އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ބުނެފި އެވެ.
މިސީޒަނުގެ ޕްރެމިއާ ލީގުގައި ލިވަޕޫލް އަށް ގިނަ ނާކާމިޔާބީތަކަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ. ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު، އާސެނަލް އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ބަލިވުމުން އެ ޓީމު ވަނީ ލީގުގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ.
"ލިވަޕޫލް އަށް އަދިވެސް ލީގުގެ ގަދަ ހަތަރަކަށް އަރާ، ޗެމްޕިއަންސް ލީގަށް ކޮލިވުމުގެ ފުރުސަތު އެބައޮތް. އާސެނަލް އާއި ދެކޮޅަށް ދެއްކި މޮޅު ކުޅުން ދައްކާ ނަމަ، އަހަރެމެންނަށް ގަދަ ހަތަރަކަށް އެރިދާނެ. އެމެޗުގައި އަހަރެމެންނަށް ގިނަ ފުރުސަތުތަކެއް ލިބުނު. އަދި މޮޅު ކުޅުމެއް ދެއްކީ ވެސް އަހަރެމެން. ލީގުގައި އަދި ގިނަ މެޗުތަކެއް އެބަ ހުރި." ހެންޑަސަން ބުންޏެވެ.
ލިވަޕޫލް އިން ވަނީ މިސީޒަނުގެ ކާލިންގް ކަޕް ކާމިޔާބުކޮށްފަ އެވެ. ކާލިންގް ކަޕް ކާމިޔާބު ކުރެވުނީ ލިވަޕޫލް އަށް ތައްޓެއް ކާމިޔާބު ނުވާތާ ހަ އަހަރުވީ ފަހުންނެވެ.