07 Dec 2021, 22:21
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 133 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 3،986 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 30 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 102 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން އަލަށް މިއަދު ޕޮޒިޓިވް ވެފައިވަނީ އެންމެ މީހުންނެވެ.
ކޮވިޑް ޖެހިގެން 15 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 92،501އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 90،401ގައެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،832ގައެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 255 މީހަކު ވަނީ މަރުވެފައިވެއެވެ.
ކޮވިޑު ޖެހިގެން ހާލު ސީރިއަށްވާ މީހުން މި ފަހަކަށް އައިސް ވަނީ މަދުވާން ފަށާފައެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯސީ)ގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވީ ކޮވިޑު ޖެހިގެން ހާލު ސީރިއަށްވާ މީހުން މަދުވުމުގެ ފަހަތުގައިވާ ސިއްރަކީ ވެކްސިން ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މިހާލަތުގައި ވެސް ބޭރުގައި އުޅޭއިރު، ރަނގަޅަށް މާސްކު އެޅުމާ ގައިދުރުކަމަށް ފަރުވާތެރިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުގެ ނުރައްކާތެރިކަމުން މިންޖު ވުމަށް ޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ.
އެގޮތުން އެންމެ މުހިއްމު ކަންކަމަކީ އެޗްޕީއޭގެ ގައިޑް ލައިން ތަކަށް އަމަލު ކުރުމުގައި ފަރުވާތެރި ވުމާ އަދި ފަރުދީ ޒިންމާ އަދާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.