08 Dec 2021, 09:11
"ޑްރީމް ކޮޓެޖް..." އޭރުވެސް އޭނާއަށް ދިޔައީ ހިތުން އެ ނަން ކިޔެމުންނެވެ.
އެ ހުރިހާ އެއްޗެއް ޝިޒާންއަށް އެނގުނީ ކިހިނެއްހެއްޔެވެ؟ އޭނާއަށް އެގެއާ އޭނާގެ ކޮޓަރިއަށް ވެސް ރަނގަޅަށް ބަލައިލެވުނީ އަދިކިރިޔާއެވެ. އެ ގެއާ އޭނާގެ ކޮޓަރިއަކީ އޭނާ އާހިލްއަށް ކިޔައިދީފައިވާ އޭނަގެ ހުވަފެނީ މަންޒިލެވެ. ޑްރީމް ކޮޓެޖް އަކީ އޭނާ އަމިއްލަ ގެއަށް ކިޔާނެކަން ކަމުގައި ކަނޑައަޅައިފައިވާ ނަމެވެ. ވިއިރު ޝިޒާންއަށް އެކަން އެނގެންވީ އެއްވެސް ސަބަބެއް ނެތެވެ. މިހުރިހާ ކަމަކީ އިއްތިފާގެއްހެއްޔެވެ؟ އެކަމަކު އެހެން ވާނީ ކިހިނެއްހެއްޔެވެ؟ މިންހާގެ ހިތުގައި ސުވާލުތައް އުތުރި އަރަން ފެށިއެވެ. އަނެއްކާ އާހިލްއަކީ ޝިޒާން ހެއްޔެވެ؟ އޭނާއަށް އާހިލްގެ ފޮޓޯވެސް ފެނިފައިވެއެވެ. ވިއިރު އާހިލް ޝިޒާންއަށް ވާނެ އެއްގޮތެއްވެސް ނެތެވެ. އެކަމަކު ވެސް ލޯމަތިން ފެންނަމުންދާ މަންޒަރު ނުފެންނަ ކަމަށް ހަދާލައިގެން ހުންނާނީވެސް ކިހިނަކުން ހެއްޔެވެ؟ އަނެއްކާ އޭނާއަށް ފެނިފައިވަނީ އާހިލްގެ އަސްލު ފޮޓޯތަކެއް ނޫން ބާވައެވެ. މިންހާއަށް ހާސްކަމާއެކު ނިތުގައި އަތް ހިންގައިލެވުނެވެ. ވަށައިގެން ދެކޮޅަށް ހިނގަމުންދިޔަ މިންހާއަށް ފުންކޮށްނޭވާ ލެވެން ވެސް ފެށުނެވެ. ހިތުގައި އުފެދިގެން އުޅޭ ތޫފާން ހިނދެއް ހިނދަކަށް ވަރުގަދަވަމުން ދިޔައިރު އެ ސުވާލުތަކުގެ ޖަވާބު ހޯދާނެ ގޮތެއްވެސް ވިސްނާ ވިސްނާވެސް މިންހާއަކަށް ނޭނގުނެވެ. އޮތް ހަމައެކަނި ގޮތަކީ ޝިޒާންއާ ސުވާލުކުރުމެވެ. އެކަމަކު އޭނާ ސުވާލުކުރާނީވެސް ވަކި ކީކޭ ކިޔަފައިހެއްޔެވެ؟ ޝިޒާންގާތުގައި އާހިލްގެ ވާހަކަ ބުނާނީ ކިހިނެއްހެއްޔެވެ؟ ސިކުނޑީގެ ނާރުތަކަށްވާން ވާން ފެށުމުން މިންހާ ގޮސް އެނދުގައި އިށީނެވެ. ހަދާނެ ގޮތް ހުސްވެ އޭނާއަށް ބޮލުގައި ދެއަތުން ހިފައްޓައިލެވުނީ ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސަން ފެށުމުންނެވެ.
*****
ގެއަށް ވަދެފައި ޝިޒާންވެސް މަޑުނުކޮށް އެރީ މައްޗަށެވެ. އޭނާ މިންހާގެ ކޮޓަރި ކައިރިއަށް ހުއްޓިފައި ދޮރުގައި ޓަކި ޖަހައިލަން އަތް އުފުއްލާލާފައިވެސް މަޑުޖެހިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ދުރަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެފައި ސޯފާމައްޗަށް ވެއްޓިގަތް ޝިޒާން ދެލޯ މަރައިލައިގެން އިރުކޮޅަކު އޮތެވެ. މިންހާގެ ހިތް މިލްކުކުރަން އޭނާއަށް ކުރެވޭނީ ކޮންކަމެއްބާއޭ ޝިޒާންގެ ހިތަށް އެރަމުންދިޔައެވެ. ތަޤުދީރު އެ ދެމީހުން އެއްތަން ކޮށްފިއެވެ. އެހެންނަމަވެސް، އޭނާގެ ކައިރީގައި ހުއްޓަސް މިންހާ ވަނީ ދުރުގައެވެ. ވަރަށް ދުރުގައެވެ.
މިންހާ އެނދުގައި އިށީނދެގެން އިންދާ އޭނާއަށް އާހިލްގެ ފޯނުކޯލެއް ލިބުނެވެ. ދެވިސްނުމެއްގައި އިންދެފައި މިންހާ ފޯނު ނެގިއެވެ.
"މިންނު!" މިންހާ އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން އާހިލް އަނެއްކާވެސް ގޮވައިލިއެވެ.
"ހޫމް" މިންހާ ހަމައެކަނި "ހޫމް" އަކުން ފުއްދައިލިއެވެ.
"އައި އެމް ސޮރީ... ވަރަށް ބޮޑުކަމެއް ޖެހުނީ! އެހެންވެ ނުދެވުނީ!" އާހިލް ފުރަތަމަ ވެސް މާފަށް އެދުނެވެ.
"އަހަރެން އެތަނުގައި ވަރަށް ގިނައިރު އިންތިޒާރުގައި އިނިން." މިންހާ ބުނެލިއެވެ.
"އަހަންނަށް މާފެއް ނުކުރާންތަ؟" އާހިލްގެ އަޑުން އޭނާ ދެރަވެފައި ހުރި މިންވަރު ހާމަވެއެވެ. އެ އަޑު އިވި މިންހާއަށް ވެސް އާހިލް ދެކެ ހިތްހަމަ ނުޖެހިފައި ހުންނާކަށް ނުކެރުނެވެ. މިންހާ އާހިލްއަށް މާފުކުރިއެވެ. އޭނާ އާހިލްދެކެ ވާ ލޯބީގެ ޙައްޤުގައެވެ. އާހިލް ދެކެ ހިތްހަމަނުޖެހި، ރުޅިއައިސް މިންހާއަށް ގިނައިރަކު ނުހުރެވެއެވެ. އޭނާ އެހާވެސް އާހިލް ދެކެ ލޯބިވެއެވެ. އެހެންނަމަވެސް، ތަޤުދީރުގެ ސަމާސާ ދެކިބަލާށެވެ. އޭނާ އަކީ މިއަދު އެހެން މީހެއްގެ ޙައްޤެކެވެ. އެހެންމީހެއްގެ މިލްކެކެވެ. އާހިލް އަދިވެސް އެއްފަހަރު މާފަށް އެދުނެވެ. ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫދުއްވައިލީ މިންހާއެވެ.
"އާހިލް!" ވާހަކަ ދައްކަން އުޅުނު ނަމަވެސް މިންހާގެ ދުލުގައި ހީވަނީ ތަޅެއް ލެވިފައިވާހެންނެވެ. އޭނާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
"މިންނޫ! ކިހިނެއްވީ؟ ކަމެއްވީތަ؟" އާހިލް ސުވާލުކޮށްލިއެވެ.
"ނު. ނޫން ކަމެއް ނުވޭ... އާހިލް! އަހަރެން ވާހަކައެއް އަހައިލަންތަ؟" މިންހާ މަޑުމަޑުން ސުވާލުކޮށްލިއެވެ.
"އަހަރެން ކައިރީ މިންނުއަށް ނޭހޭނެ އެއްޗެއް ނޯންނާނެ. އައި އެމް ލިސެނިންގް. އަވަހަށް އަހާ!" އާހިލް ބުނެލިއެވެ.
"އާހިލް އަހަންނަށް ދުވަހަކުވެސް ކަމެއް ސިއްރުކޮށްފަ އޮންނާނެތަ؟" މިންހާ އޭނާގެ ސުވާލު އާހިލްއާ އަމާޒުކޮށްލިއެވެ.
"ސިއްރު... ސިއްރުކޮށްފައޭ..." އާހިލްގެ އަޑަށް ހިސާބެއްގެ މަޑުޖެހުމެއް އައެވެ.
"އާނ އާހިލް! ބުނެބަލަ!" މިންހާ ބުނެލިއެވެ.
"ކީއްވެ ކުއްލިއަކަށް މިންނު ތި ސުވާލު ތިކުރަނީ؟ އަހަންނަށް އިތުބާރު ނުކުރެވެނީތަ؟" އާހިލްގެ އަޑަށް ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވެފައިވެއެވެ. މިންހާގެ އެފަދަ ސުވާލަކަށް އޭނާ ތައްޔާރުނޫންކަން އެ އަޑުން އެކަނިވެސް ދެނެގަނެވުނެވެ.
"އާހިލް! އަހަންނަށް ކަމެއް ސިއްރުނުކުރަންޏާ ކީއްވެ ތިހާ ޖެހިލުންވަނީ؟" މިންހާ އަނެއްކާވެސް އާހިލްއާ ސުވާލުކޮށްލިއެވެ.
"މިންނު. ލިސެން. އަހަރެން މިންނުއަށް ކަމެއް ސިއްރުކޮށްފައެއް ނޯންނާނެ. ދުވަހަކުވެސް ނޯންނާނެ. " އާހިލް ޔަޤީންކަމާއެކު ބުނެލިއެވެ. މިފަަހަރު އާހިިލްގެ އަޑު ވަރަށް އޮމާނެވެ. އެ އަޑުގައި ޖެހިލުންވުމާ ނުތަނަވަސްކަމުގެ އަސަރެއް ނުވެއެވެ.
"އާހިލް ހަނދާންވޭތަ އަހަރެމެން ދެމީހުންގެ ގެއަށް އަހަރެން ކިޔަން ބޭނުންވި ނަމަކީ ކޮބައިކަން!" މިންހާ ކުއްލިއަކަށް ސުވާލުކޮށްލިއެވެ.
"ތީ އަހާ ކަހަލަ ސުވާލެއްތަ؟ އަހަރެން ހަނދާންނުހުރެ ދެން ކާކު ހަނދާންހުންނާނީ..." އާހިލް ބުނެލިއެވެ.
"ބުނެބަލަ! އެއީ ކޮންނަމެއް އެހެންވިއްޔާ!" މިންހާ ސުވާލުކޮށްލިއެވެ.
"ޑްރީމް ކޮޓެޖްއެއްނު. އެެ އެކަންޏެއް ނޫން. މިންނުގެ ޑްރީމް ހައުސްގެ ހުރިހާ ސިފައެއްވެސް އަހަރެން ހަނދާންއެބަހުރި. ކިޔައިދޭންވީތަ؟"
"ނޫން. ހެހެ މި ގަޑިއަކު ނޫން...އާހިލް! އަހަރެން ބޭނުންވަނީ އަރާމުކޮށްލަން. ދެން ފަހުން ވާހަކަ ދައްކާލާނީ ދޯ." މިންހާ ބުނެލިއެވެ. އާހިލްއާ ވާހަކަ ދައްކާފައި ފޯނު ބޭއްވުމުންވެސް މިންހާގެ ހިތުގައި އުފެދުނު ތޫފާން މައިތިރިވާކަށް ނޫޅުނެވެ. އެހެނެއްކަމަކު އޭނާގެ ނުތަނަވަސްކަމާއި ހާސްކަމަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައެވެ. ޝިޒާންއަށް އޭނާ ބޭނުންވާ ކަންތައް އެހާ ފުރިހަމައަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ އޭނާ އެހުރިހާ އެއްޗެއް ކިޔައިދިނީ އާހިލްއަށެވެ. ޝިޒާންއާ އާހިލްގެ ހަޤީގަތް އޭނާ ހޯދާނީ ކިހިނެއްހެއްޔެވެ؟ ޝިޒާންއާ އިނދެގެން އުޅުނުނަމަވެސް، އޭނާއަށް ޝިޒާންއާ ބެހޭ މާގިނަ މައުލޫމާތެއް ނޭނގެއެވެ. ޝިޒާން އުޅޭ ވަޒީފާއެއް ކުރާ މަސައްކަތެއްވެސް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޝިޒާންއަކީ ބޮޑު މުއްސަންޖެއްކަމެވެ.
*****
ޔޫލިން އައިހަމްއާ ބައްދަލުކުރަން ދާންވެގެން ގެއިން ނުކުތީ ޖެހިގެން އަންނަ ދުވަހު އައިހަމް ފުރަން ހަމަޖެހިފައިވާތީއެވެ. އެއީ ދެމީހުންނަށް އެކަނި ބައްދަލުކޮށްލެވޭނެ ހަމައެކަނި ރެއަށް ވާތީއެވެ. ޔޫލިން އަންނަންދެން އައިހަމް ޖޯލީގައި އޮށޯވެލައިގެން އޮތެވެ. އެހެން އޮއްވާ ނޭނގޭ ނަންބަރަކުން އޭނާއަށް ފޯނު ކޯލެއް ލިބުނެވެ. އައިހަމް ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އެކޮޅުން އިވުނު އަޑާއެކު އޭނާއަށް ޖޯލިން ތެދުވެވުނެވެ. ކޮންމެވެސް ވަރަކަށް ނިތަށް ރޫތައް ވެސް އެރިއެވެ. ފޯނަށްވެސް އަތުން ބާރުކޮށްލެވުނެވެ.
ޔޫލިން ގެއިން ނުކުތްތަން ރައިހާންއަށް ފެނުނެވެ.
"މިރޭ އައިހަމް ޖިންނި މޮޔަވާނެ!" ފަހަތުން އައި ރައިހާން ކުއްލިއަކަށް ބުނެލުމާއެކު ޔޫލިން ދިޔައީ ސިއްސައިގެންނެވެ.
"އަދިވެސް މަންމަމެން ކައިރީގައި ބުނާކަށް ނުވޭތަ؟" ރައިހާން ސުވާލުކޮށްލިއެވެ.
"އަދި ބުނާނަމޭ!" ޔޫލިން ބުނެލިއެވެ. ރައިހާން އޭނާގެ އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. ޔޫލިންއާ ރައިހާންއަށް ނޭނގުނީ އެ ވާހަކަ އިތުރު މީހަކަށް އަޑު އިވުނުކަމެވެ. އޭނާ ޔޫލިންގެ ބުރަކަށީގައި ޖަހައިލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ޔޫލިންވެސް ކުޑަކޮށް އުސް ފައިވާނަކަށް އަރައިގެން ނުކުތެވެ.
ޔޫލިން ހުރީ ރީތިވެގެންނެވެ. ރަތްކުލައިގެ ޓޮޕްކޮޅަކާއި ކަޅުކުލައިގެ ޖީންސްއެއްގައި ފެންނައިރުނުހަނު ހިތްގައިމެވެ. ކޮށްފައިވާ ލުއިމޭކަޕް އޭނާއާ ނުހަނު ގުޅޭއިރު، އެ ބުޅި އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. އޭނާ މަޑުމަޑުން މިންހާމެންގެ ގޯއްޗާ ދިމާލަށް ހިނގައިގަތެވެ. ޔޫލިންގެ ތުންފަތްމަތީގައި ލުއި ލުއި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ.
ޔޫލިންއަށް އޭނާއާ ފުރަގަސްދީގެން ހުރި އައިހަމް ފެނުމާއެކު ފިޔަވަޅުތައް ލަސްކޮށްލަމުން މަޑުމަޑުން ހިނގައިގަތީ އައިހަމް ސިއްސުވައިލުމުގެ ބޭނުމުގައެވެ. އޭރުވެސް އެ ތުންފަތް މަތީގައި މާނަފުން ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. ރޭގަނޑުގެ ވަގުތަށް ވީނަމަވެސް، އުޑުމަތީގައި ރަސްކަން ކުރަމުންދިޔަ ހަނދުވަރުގެ އަލިން މުޅީ ފަޒާ ދިއްލާލާފައިވާއިރު އެ ހަނދުގެ އިސްތިޤްބާލުގައި އެތައް ހާސް ތަރިތައް އެތުރިގެން ތިއްބެވެ. ޖެހެމުންދިޔަ ލުއި ލުއި ވައިރޯޅިތަކުގައިވެސް ތެތްފިނިކަން ހިފާލާފައި ވެއެވެ. ޔޫލިން އޭނާގެ އިސްތަށިގަނޑާ ސަމާސާ ކުރަމުންދިޔަ އިސްތަށިތައް ކަންފަތް ދޮށަށް ލައްވައިލިއެވެ. އޭނާ ބޭނުންވަނީ މިރޭ އައިހަމްއާއެކު އުފާވެރި ހިތްހަަމޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އައިހަމްއާ ދާދި ކައިރިއަށް ދެވުނުތަނާ އައިހަމްގެ އަޑު ޔޫލިންގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާގެ ފިޔަވަޅުތައް ވަގުތުން މަޑުޖެހުނެވެ.
(ނުނިމޭ)