07 Dec 2021, 21:06
ނައިބު ރައީސް ފައިސަލް ނަސީމް ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވައިލައްވައިފިއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ދިވެހި ހާރިޖިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ނައިބު ރައީސްގެ އަރިހަށް ވަނީ އިހްތިރާމުގެ ޒިޔާރާތެއް ކުރައްވާފައެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ އިންޑިއަން އޯޝަން ކޮންފަރެންސް 2021ގެ ހަވާސާގައި، އިންޑިއަން ފައުންޑޭޝަންގެ ގަވަރނިންގ ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް)ގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ރޯހަން ގުނަރަތްނަ އާއި ވެސް ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީގައި ހުންނަ ރާއްޖޭގެ އެންބަސީއަށް ވެސް ޒިޔާރަތްކުރައްވާފައެވެ.