މެންޗެސްޓާ ޔުނައިޓެޑް ޓީމު ދެން ފެންނާނީ އިތުރަށް ވަރުގަދަ ވެގެންދާ ތަން ކަމުގައި އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ. ފާގަސަން މިހެން ބުނީ އަނިޔާއަށް ފަހު، ކުޅެން ނުކުތް ވޭން ރޫނީ އާއި އޭޝްލީ ޔަންގް ޓޮޓެންހަމް ހޮޓްސްޕާ އާއި ދެކޮޅަށް ދެއްކި މޮޅު ކުޅުމަށް ފަހު އެވެ.

ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ޓޮޓެންހަމް އާއި ދެކޮޅަށް ކުޅެ 3-1 ލަނޑުން މެންޔުނައިޓެޑް މޮޅުވި މެޗުގައި މެންޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ލަނޑުތައް ޖަހައިދިނީ އަނިޔާ އަށް ފަހު ކުޅެން ނުކުތް ޔަންގް އާއި ރޫނީ އެވެ. އެމެޗުގައި ރޫނީ އެއް ލަނޑު ކާމިޔާބު ކުރި އިރު، އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދިނީ ޔަންގް އެވެ.

"މެންޔުނައިޓެޑް ދެން ފެންނާނީ އިތުރަށް ވަރުގަދަ ވާތަން. މިސީޒަނުގައި މެންޔުނައިޓެޑަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ އަނިޔާގެ މައްސަލަތައް. ޔަންގް އާއި ރޫނީ މިހާރު މުޅިން ފިޓް. އަދި އަނިޔާގައި ތިބި އެންޓޯނިއޯ ވެލެންސިއާ އާއި، ކްރިސް ސްމޯލިންގް އަދި ޓޮމް ކްލެވަލީ އަށް ވެސް ދާދި އަވަހަށް ކުޅެން ނުކުމެވޭވަރު ވާނެ." ފާގަސަން ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ޕްރެމިއާ ލީގުގެ ދެވަނައިގަ އެވެ. އެއްވަނާގައި އަދިވެސް އޮތީ މެންޗެސްޓާ ސިޓީ އެވެ. މެންސިޓީ އާއި މެންޔުނައިޓެޑްގެ ދެމެދުގައި ދެ ޕޮއިންޓުގެ ފަރަގެއްވެ އެވެ.