08 Dec 2021, 17:35
ޖަރުމަނު ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޑާ ކްލެސިކާ މެޗުގައި ރެފްރީކަން ކުރި ފެލިޒް ވޭޔާ އާ ގުޅޭގޮތުން ޑޯޓްމަންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ފާޑުކީ މައްސަލައިގައި ޖަރުމަން ފުޓުބޯލް އެސޯސިއޭޝަން(އެފްއޭ) އިން އޭނާ ޖޫރިމަނާ ކޮށްފިއެވެ.
ބެލިންހަމް މެޗު ނިމުމަށްފަހު ރެފްރީއަށް ފާޑު ކިޔުމުން އެ މައްސަލަ ޖަރުމަނު އެފްއޭ އިން ތަހުގީގުކޮށް އޭމާ ޖޫރިމަނާ ކުރީ 45000 އެމެރިކާ ޑޮލަރުންނެވެ. ޖޫރިމަނާއާއެކު ޑޯޓްމަންޑުގެ ފުރަތަމަ 11 ގައި މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ބެލިންހަމް ވަނީ އިތުރު ސަސްޕެންޝަނަކާ ނުލައި ސަލާމަތްވެފައެވެ.
ޖަރުމަން ލީގުގައި އެއްވަނައިގައި އޮތް ބަޔާން މިއުނިކް ބޮރޫޝިއާ ޑޯޓްމަންޑުގެ ދަނޑުގައި އެ ޓީމާ ވާދަކޮށް މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޑޯޓްމަންޑުންނެވެ. މި ލަނޑު ފަސްވަނަ މިނިޓުގައި ޖަހައިދިނީ ޖޫލިއަން ބްރެންޓްއެވެ. އޭގެ ހަތަރު މިނިޓު ފަހުން ބެޔާނަށް އެއްވަރުކޮށްދިނީ، އެންމެ ފަހުން ބަލޮންޑިއޯ ހަފްލާފައި އަހަރުގެ އެންމެ މޮޅު ސްޓްރައިކަރުގެ މަގާމް ހޯދި ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޯސްކީއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިންގްސްލީ ކޯމަން ބެޔާނަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައި ވަނިކޮށް، ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމަންޑަށް އެއްވަރު ކޮށްދީފަ އެވެ. ޑޯޓްމަންޑުން ޖެހި ދެ ލަނޑު ވެސް އެސިސްޓް ކުރީ ޖޫޑް ބެލިންގްހަމްއެވެ.
ބަޔާން އަށް އެ މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ލަނޑު 77 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ ލެވަންޑޯސްކީއެވެ. މި ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ޑޯޓްމަންޑްގެ މެޓްސް ހަމެލްސް އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރު ބެލުމަށް ފަހުއެވެ.
މި ޕެނަލްޓީއާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި ޑޯޓްމަންޑުގެ ކޯޗު މާކޯ ރޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި، ބެންޗުން ފޮނުވާލައިފައެވެ. އޭގެ ކުރިން، ދެވަނަ ހާފުގައި ރޯސް އަށް ވަނީ އިތުރު ރީނދޫ ކާޑެއް ދައްކައިފައެވެ.
މި ޕެނަލްޓީ ދިނުމާ ގުޅިގެން ޖޫޑް ހުމެލްސް ފާޑު ކިޔުމުގެ ގޮތުން އިންގްލެންޑުގެ ތަރި ބެލިންހަމް ބުނެފައިވަނީ މެޗުގައި ރެފްރީ ނިންމި ނިންމުންތަކަކީ އިންސާފުން ނިންމި ނިންމުން ތަކެއް ނޫން ކަމަށެވެ.
"އަހަރެން ގަބޫލުކުރާގޮތުގައި އެއީ ޕެނަލްޓީ އެއް ނޫން. މި މެޗުގައި ރެފްރީ ނިންމާފައިވާ އެހެން ނިންމުންތަކަށް ބަލާލިޔަސް ފެންނާނެ ވަރަށް ރަނގަޅަށް އޭނާ ކަންތައް ކުރިގޮތް. ޖަރުމަނުގައި ކުޅެވޭ އެންމެ ބޮޑު މުބާރާތަށްވާއިރު، މި މެޗުގެ ޑެސިޝަންވަނީ މާކުރިން ރެފްރީ ނަގާފައި،" ބެޔާން މެޗަށްފަހު ބެލިންހަމް ބުނެފައިވެއެވެ.
ބެލިހަމް އިތުރަށް ބުނީ ހުމަލްސް ބޯޅައިން ރެކި، އަތް ނުލާން ވެގެން މަސައްކަތް ކުރި ގަޑީގައި އަތުގައި ބޯޅަ ޖެހިލުމުން ދިން ޕެނަލްޓީ އަކީ މިހާރު ފުޓުބޯޅައިގައި ނުދެވޭނެ ޕެނަލްޓީއެއް ކަމަށެވެ.
އެ ވާހަކަތައް ބެލިންހަމް ދައްކާފައި ވަނީ 2005 ވަނަ އަހަރު ވޭވާ މެޗެއް ވިއްކާލިކަން ސާބިތުވެ، ހަ މަހުގެ ސަސްޕެންޝަނެއް އައިސްފައި އޮތުމުންނެވެ.
ޑޯޓުމަންޑުން ވަނީ އެ މެޗުގައި ބެޔާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑޯޓުމަންޑުގެ ފޯވާޑް މާކޯ ރޫސް އަށް ބަޔާނުގެ ޑިފެންޑަރު ލޫކަސް ހެނާންޑެޒް ކުރި ފައުލާއި ގުޅިގެން ރެފްރޯ އަށް ވަރަށް ބޮޑަށް ޝަކުވާ ހުށަހަޅާފައެވެ.
ހަމައެހެންމެ، ޓުވިޓާގައި ވެސް ވަރަށް ބޮޑަށް އެމެޗުގައި ވޭޔާ ބެޔާން އަށް ވިކިފައި ހުރި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ރެފްރީގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޖަރުމަނު ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޑާ ކްލެސިކާ މެޗުގެ ތެރެއިން--
ބެލިންހަމް ކަންބޮޑުވުން ފާޅުކުރުމާއެކު، ޖަރުމަނު އެފްއޭ އިން ޖަވާބުދާރީ ވުމަށް އެދުމުން ޑޯޓުމަންޑުން ބުނެފައިވަނީ އެކުލަބު އޮތީ ބެލިންހަމްގެ ފަހަތުގައި ކަމަށެވެ.
އެ މެޗުން ބަޔާން ހޯދި ތިން ޕޮއިންޓާ އެކު އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 14 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައި ވަނީ 30 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބެޔާ ލެވަކޫސަން ވަނީ 7-1 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި، ރެލިގޭޝަނުގައި އޮތް ގްރިއުޓާ ފިއުތު ބަލި ކޮށްފަ އެވެ. ލެވެކޫސަން އަށް 27 ޕޮއިންޓް ލިބިފައި ވާއިރު، ހަތަރު ވަނައިގައި އޮތް އެސް ސީ ފްރެއިބާގް ވަނީ ރޭގެ މެޗު 6-0 އަކުން ކާމިޔާބުކޮށްފައެވެ.