07 Dec 2021, 19:11
ދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ފޮތެއް މާލޭގައި ވިއްކާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ ގުޅިފައިވާ މަދަނީ ޖަމިއްޔާތަކެއް ހިމެނޭ ރައްޔިތުންގެ އިއްތިހާދުންނެވެ.
ރައްޔިތުންގެ އިއްތިހާދުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އަމިއްލައަށް ނަބީ ކަމަށް ދައުވާކޮށް އިސްލާމް ދީނާއި ނަސޯރާ ދީނާއި ޔަހޫދީ ދީނުގެ އިތުރުން ސޫފީ ދީން މަސްހުނިކޮށްގެން އައު ދީނެއް އުފައްދަން އުޅޭ މީހެއްގެ ފޮތެއް ރާއްޖޭގެ ފިހާރައެއްގައި ވިއްކަން ހުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު ކަމަކަށް ވާތީ ކަމަށް އެ އިއްތިހާދުން ވަނީ ބުނެފައެވެ.
އެ ޖަމިއްޔާއިން ވަނީ އާންމުންގެ ސަމާލުކަމަށް ގެނައުމަށް ޓަކައި އެ ފޮތުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ.
ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކި އެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ. އެގޮތުން ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމް އެކޭ އެއްގޮތަށް، ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތަކެއް ވެސް އިންޓަނެޓްގައި ދައުރުކުރަމުންދެއެވެ.
ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ދާދިފަހުން އަމުރެއްވެސް ނެރެފައެވެ. އެހެންނަމަވެސް މިހާތަނަށް ވެސް އެ އަމުރު ތަންފީޒުކޮށްފައިނުވެއެވެ.