07 Dec 2021, 15:23
ނިއުދިއްލީ (ޑިސެންބަރު 7): ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެދެގައުމުން ހަތިޔާރުގެ ސިނާއަތާއި ހަތިޔާރުގެ ވިޔަފާރިއާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާ ގެ ބާޔާނެއްގައިވާގޮތުން ޕޫޓިންގެ ދަތުރުފުޅުގައި ދެގައުމުގެ މަސްއޫލުވެރިންވަނީ ހަތިޔާރާއި ދިފާއީ އެއްބަސްވުންތަކުގެ އިތުރުން އިގްތިސާދާއި ހަކަތައާއި އެނޫންވެސް ދާއިރާތައް ހިމެނޭގޮތަށް 28 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
އަސްކަރީ އެއްބަސްވުންތަކުގެ ތެރޭގައި ރަޝިއާގެ ބައެއް ހަތިޔާރު އަންޑާ ލައިސަންސްގެ ދަށުން އިންޑިއާގައި އުފެއްދުމުގެ ހުއްދައާއި އެކަމުގެ ފަންނީ އެހީ ރަޝިއާއިން ދިނުމުގެ އެއްބަސްވުންތަކާއި ރަޝިއާގެ ހަތިޔާރާއި އަސްކަރީ ސްޕެއާޕާޓްސް އިންޑިއާއަށް ވިއްކުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
އިންޑިއާއަކީ ރަޝިއާގެ ސްޓްރެޓީޖިކް ބައިވެރިއެއް ކަމަށްވާ ޗައިނާއާ ދެކޮޅަށް އެމެރިކާ އުފައްދާފައިވާ ކުއެޑް ގްރުޕްގައި ހިމެނޭ ގައުމެކެވެ. ކުރިން އިންޑިއަކީ އެމެރިކާއަށްވުރެ ބޮޑަށް ރަޝިއާއާ ގާތް ގުޅުންތަކެއް ބައްވަމުން ގެންދިޔަ ގައުމެއް ނަމަވެސް މިފަހަކަށް އައިސް އިންޑިއާ ފެންނަން ފަށާފައިވަނީ އެމެރިކާގެ ބައިވެރިއެއްގެ ގޮތުގައެވެ.

އިންޑިއާގެ ދިފާއީ ވަޒީރާއި ރަޝިއާގެ ދިފާއީ ވަޒީރު އަސްކަރީ އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ
އިންޑިއާ ސިފައިންގެ ހަތިޔާރަށް ބަލާއިރު އޭގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ރަޝިއާއާއި ރަޝިއާ ނިސްބަތްވި ކުރީގެ ސޮވިއެޓް ޔުނިޔަންގެ އުފެއްދުންތަކެވެ. ނަމަވެސް ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އިންޑިއާވަނީ އެމެރިކާ އާ ވަރަށް ބޮޑަށް ގާތްވެފައެވެ. މިއާއެކު އިންޑިއާ ވަނީ އޭޝިއާއާއި އޭޝިއާ ޕެސިފިކްގައި އެމެރިކާގެ ސްޓްރެޓީޖިކް ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާންވެސް ފަށާފައެވެ.
ނަމަވެސް ރަޝިއާއިން އަސްކަރީ ޓެކްނޮލޮޖީ ހޯދުމުގެ މަސައްކަތް އިންޑިއާއިން ހުއްޓައެއް ނުލައެވެ. މިގޮތުން އެމެރިކާގެ ދެކޮޅު ހެދުންތަކާ އަދި ބިރުދެއްކުންތަކާއެކުވެސް އިންޑިއާ ވަނީ ރަޝިއާގައި އުފައްދާ އެސް -400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަނެފައެވެ.
މިމައްސަލާގައި އިންޑިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާ ދީފައިވީނަމަވެސް އިންޑިއާ އެކަމާ އަޅާލާފައެއް ނުވެއެވެ. އަދި އެސް -400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަތުމުގައި އެމެރިކާގެ އިންޒާރުތަކަށް ބެލުމެއްނެތި އިންޑިއާ ގެންދަނީ ރަޝިއާ ކުރަންޖެހޭ ހުރިހާ މުއާމަލާތްތަކެއް ކުރަމުންނެވެ.
ޕޫޓިން އިންޑިއާއަށް ރަސްމީ ދަތުރުފުޅު ފައްޓަވާފައި މިވަނީ ޔުކްރޭންގެ މައްސަލާގައި ރަޝިއާއާއި އެމެރިކާގެ ގުޅުންތައް ވަރަށް ގޯސްވެ އެމެރިކާއާއި ނޭޓޯގެ އިންޒާރުތައް ރަޝިއާއަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން އިންޑިއާ އެމެރިކާއާއި ނޭޓޯއަށް މިދެނީ އިންޑިއާގެ މަސްލަހަތު ހުރިކަންކަމުގައި އެމެރިކާއާއި ނޭޓޯގެ އިހްސާސްތަކަށް ނުބަލާނެކަމާއި އިންޑިއާ ބޭނުން ކޮންމެ މުއާމަލާތެއް ރަޝިއާއާއެކު ކުރާނެކަމުގެ މެސެޖް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.