އަންނަ ހުކުރު ދުވަހުގެ ރޭ "ކޮތަރު ކޮށި" ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވަން އިދިކޮޅު ޕީޕީއެމުން ނިންމައިފިއެވެ.

އެ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތައް ހުންނަ ސަރަަހައްދުގައި އޮންނަ ހިޔާ ޕާކުގައެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "ކޮތަރު ކޮށި" ނަމުގައި ބާއްވާ އެ ޖަލްސާގައި ރައީސް ޔާމީން ރައްޔިތުންނާ މުހާތަބު ކުރައްވައި އުންމީދީ ވާހަކަފުޅުތަކެއް ދައްކަވާނެ ކަމަށެވެ.

އޭނާވަނީ ރައީސަށް ތާއީދުކުރައްވައި އެންމެހާ ސަޕޯޓަރުންނަށާއި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވައިފައެވެ.

"ކޮތަރު ކޮށި ޖަލްސާއަކީ ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންނަށް ބާއްވާ ޖަލްސާއެއްކަމުގައިވީ ނަމަވެސް ރައީސް ޔާމީނާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ތާއީދުކުރައްވައި ރައްޔިތުންގެ އިތުރުން ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅު، ގައުމު ދެކެ ލޯބިވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދައުވަތު އަރުވަން،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޖަލްސާގެ ތައްޔާރީތައް މާދަމާއިން ފެށިގެން ކުރިއަށްދާނެކަމަށެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވެސް އިދިކޮޅުންވަނީ "މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެ މަނިކުފާނު މިނިވަންވުމަށްފަހު ބޭއްވި އެންމެ ފުރަތަަމަ ޖަލްސާއެެވެ.