ލަންޑަން (ޑިސެންބަރު 7) : ކޮވިޑް ގެ އޮމިކްރޯން ވޭރިއަންޓް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ފެތުރެންފެށުމާއެކު ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކުރަން ފެށުމުން އެކަމާ ދެކޮޅަށް އެގައުމުތަކުގެ އާންމުން މުޒާހަރާ ކުރަން ފަށައިފިއެވެ.

އާންމުން މުޒާހަރާކުރަނީ ކެފޭއާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ސެލޫންތަކާއި ޖިމްތައް އާންމުންނަށް ޚިދުމަތްދޭ ތަންތަން ބަންދު ކޮށްފާނެކަމުގެ ބިރަށެވެ. އެމިކްރޯން އެންމެ ބޮޑަށް ފެތުރިފައިވާ ޔޫރަޕްގެ ގައުމުތަކުގައި އެފަދަ ތަންތަނުން ހިދުމަތްދޭ ވަގުތު މަދުކުރުމަށްވަނީ ނިންމާފައެވެ. މިއާއެކު ބައެއް ސަރަހައްދުތައް ފުރަބަންދުކޮށްފާނެކަމުގެ ކަންބޮޑުވުން މުޒާހަރާކުރާ ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.

އެމީހުން ކަންބޮޑުވަނީ އެމިކްރޯންއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދިރިއުޅުމަށް ދަތިވުމުގެ އިތުރުން ކެފޭއާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ސެލޫންތަކާއި ޖިމްތައް ފަދަ ވިޔަފާރިތައް ބަނގުރޫޓް ވެދާނެތީއެވެ.

އޮމިކްރޯންއަކީ ކޮވިޑް ވައިރަސްގެ ޑެލްޓާ ވޭރިއަންޓަށްވުރެވެސް ބާރުގަދަ އެއްޗެއްކަމާއި އެވޭރިއަންޓް ފެތުރޭލެއްވެސް މާ އަވަސްކަމަށް ސައެންސްވެރިން ބުނެއެވެ. ނަމަވެސް އޮމިކްރޯންގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރު ބޮޑުކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ.

ކަންބޮޑުވުން އޮތީ ކޮވިޑްގެ ވެކްސިންތައް އޮމިކްރޯން ވޭރިއަންޓް އާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު އަދި ސާފުނުވާތީއެވެ. މިކަން ސާފުކުރުމުގެ ތަޖުރިބާތައް މިހާރު ކުރަމުންދާއިރު މިކަން ކަށަވަރު ކުރުމަށް އަދި އަވަސް ވެގެން ހަފްތާއެއް ނަގާނެކަމަށް ރިޕޯޓްތައް ބުނެއެެވެ. އޮމިކްރޯން ޖެހިފައިވާ މީހުން މަރުވާ މިންވަރު އިތުރުކަން އަދި ކަށަވަރު ކުރެވިފައި ނުވާކަމަށް ސައެންސްވެރިން ބުނެފައިވެއެވެ.

އެމެރިކާގެ ފަނަރަ ސްޓޭޓެއްގައި ބާރުމިނެއްގައި އެމިކްރޯން ފެތުރެމުން ދާ ކަމަށްވެއެވެ. ޔޫރަޕްގެ ގިނަ ގައުމު ތަކަކުން ވެސް އެވޭރިއަންޓްގެ ކޭސްތައްވަނީ ފެނިފައެވެ. މީގެތެރޭގައި އިނގިރޭސިވިލާތް، އިޓަލީ، ޑެންމާކް، ޖަރުމަނު، ސްޕޭން، ނެދާލޭންޑްސް އަދި ސްވިސްޓްޒަލޭންޑް ފަދަ ގައުމުތައް ހިމެނެއެވެ.

ޔޫރަޕަށް ބަލާއިރު އޮމިކްރޯން އެންމެ ބޮޑަށް ފެތުރެމުންދާ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގަ އާއި އެކި ސިޓީތަކުގައި މިހާރު އެވައިރަސް ވަރަށް ހަލުއިކޮށް ފެތުރެމުންދާ ކަމަށް އެ ގައުމުގެ ސިއްހަތާބެހޭ ވަޒީރު ސާޖިދު ޖާވިދު ވަނީ ވިދާޅުވެފައެވެ. އޮމިކްރޯންގެ ކޭސްތައް އިނގިރޭސިވިލާތުން ގިނަ އަދަދަކަށް ފެންނަމުން ދިޔަނަމަވެސް އެގައުމުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެކަން ބުނަން އަދި އަވަސްކަމަށް ސާޖިދު ވިދާޅުވިއެވެ.