އާސެނަލް އިން ބޮޑެތި މުބާރާތްތައް ކާމިޔާބުކުރަން ބޭނުން ނަމަ، މޮޅެތި ކުޅުންތެރިން ގަންނަން ޖެހޭ ކަމަށް އޭސީ މިލާނުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލް އާއި ދެކޮޅަށް މިރޭ އޭސީ މިލާން ނުކުންނަ އިރު، ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑީ މިލާނަށެވެ. ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އާސެނަލްގެ މައްޗަށް މިލާނުން ކުރި ހޯދީ 4-0 ލަނޑުންނެވެ.

"އާސެނަލް އިން ބޮޑު މުބާރާތެއް ކާމިޔާބު ކުރަން ބޭނުން ނަމަ، މޮޅެތި ކުޅުންތެރިންތަކެއް ގަންނަން ޖެހޭނެ. އެހެންނޫން ނަމަ، ބޮޑެތި ކުލަބުތަކުގެ މައްޗަށް ކުރި ހޯދަން އުނދަގޫ ވާނެ. އޭގެ އިތުރުން މޮޅެތި ކުޅުންތެރިން ހިފެހެއްޓުމަށް މަސައްކަތް ވެސް ކުރަން ޖެހޭނެ." އަލެގްރީ ބުންޏެވެ.

ކޯޗް އަލެގްރީ ވަނީ މިލާނަށް މިދިޔަ ސީޒަނުގެ އިޓަލީ ލީގު ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެ ދީފަ އެވެ. އަދި މިސީޒަނުގެ އިޓަލީ ލީގުގެ އެއް ވަނަ އަށް މިލާން އަރުވައި ދިނުމަށް ވެސް އަލެގްރީ އެހީތެރިވެދީފައިވެ އެވެ.