އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށް ފަށާފައިވާ 'އިންޑިއާ މިލްޓްރީ އައުޓް' ކެމްޕެއިން އިތުރު ހަރުފަތަކަށް ގެންދިއުމަށް އިދިކޮޅު ލީޑަރު, ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަތޮޅުތަކަށް ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

އެކި ބޭނުންތަކުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ނުދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ އިހްތިޖާޖުތަކާއި ރެލީތައް ބާއްވަމުންނެވެ.

އެ ހަރަކާތް އިތުރު ހަރުފަތަކަށް ގެންދިއުމަށް މި ހަފްތާގެ ފަހުކޮޅު ނުނީ އަންނަ ހަފްތާ ތެރޭގައި ރައީސް ޔާމީން އަތޮޅުތަކަށް ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން މިއަދު ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު 'ސަން' އަށް ވިދާޅުވީ, ރައީސް ޔާމީންގެ އެ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ ކ. އަތޮޅުގެ ރަށް ތަކުން ކަމަށާއި އެއަށްފަހު ރާއްޖޭގެ ބޮޑެތި ސިޓީތަކާއި ރަށްތަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މި ދަތުރުތަކުގައި އެންމެ އިސްކަމެއް ދެއްވާނީ މިނިވަންކަމުގެ ދިފާއުގައި ދިވެހިން އިންޑިއާ ސިފައިން ބޭލުމަށް ކުރެވޭ މަސައްކަތަށް ކަން ރައީސް ޔާމީން އޮތީ ވިދާޅުވެފައި. އެހެންވީމަ ދަތުރުގެ މައިގަނޑު ބޭނުމަކީ ވެސް މި ހަރަކާތް އިތުރު ހަރުފަތަކަށް ގެންދިއުން," ހީނާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ ބައްދަލު ނެވެ ދެ އަހަރެއްހާ ދުވަސް ވެފައިވާއިރު, އެމަނިކުފާނު މިނިވަންކުރެއްވުމަށް ރައްޔިތުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރުން ހިމެނޭ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވިސްނުންފުޅުގައި ހުރި އެންމެ މުހިންމު ސިޔާސީ ހަރަކާތަކީ އިންޑިއާ ސިފައިން ބޭލުމަށް ކުރެވޭ މަސައްކަތްތައް," ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމާއި އެކު އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް މެކުހަށް ޖަހާފައިވާކަން ފާހަގަކޮށް ހީނާ ވިދާޅުވީ, ސަރުކާރުން ކުރިމަތިކޮށްފާނެ ފިއްތުންތަކަށް ބޯލެނބުމުގެ ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތް ކަމަށެވެ.

ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި މި ގައުމުގެ އަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން ބޭނުން ނުވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މަނީ ލޯންޑަރިންގގެ ކުށް ސާބިޔުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް, ސުޕްރީމް ކޯޓުން ބާތިލްކުރުމާއި ގުޅިގެން ބޭއްވި ބޮޑު ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ވެސް ނުވާނެ ކަމަށެވެ.