07 Dec 2021, 10:39
މި ވަގުތު އެންމެ މުހިންމީ ގައުމުގެ މިނިވަންކަން ދިފާއުކުރުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ބޭރުގެ ނުފޫޒުތަކުން ރާއްޖެ ރައްކާތެރިކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.
"އެހެންވީމާ ރައީސް ޔާމީން އެ ވިދާޅުވަނީ އަޅުގަނޑުމެންނަށް މުހިންމީ ގައުމޭ. ހުރިހާ ކަމަކަށްވުރެ މި ގައުމު މިނިވަންކުރަންޖެހޭ. ހުރިހާ ކަމަކަށްވުރެ އިންޑިއާގެ އަޅުވެތިކަމުން މި ގައުމު ސަލާމަތްކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ގައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނީ މިއަދު އެ ކަމަށް މަސައްކަތްކޮށްގެންކަމަށެވެ. އަދި އެއީ ރައީސް ޔާމީން ވެސް އެދިވަޑައިގަންނަވާ ގޮތްކަމަށާއި މިނިވަންކަމާއެކު ރާއްޖެ ނެތްނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ވެސް ނޯންނާނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ހިޔާ ފްލެޓްތައް ބައްލަވައިލައްވަން ވަރަށް އަވަހަށް ވަޑައިގަންނަަވާނެކަމަށެވެ. ނަމަވެސް ރައްޔިތުންނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ނަމަވެސް އެ މަނިކުފާނަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ.
"އެކަމަކު ކޮތަރު ކޮށްޓާއި [ހިޔާ ފްލެޓް] އެ މުޅި ހިސާބުގެ އެ އިހްތިސާސަށް ބާރު ހިންގޭ ގޮތަށް މިއޮތީ މާލޭ ސިޓީ ކައުންސިލަށް. އަޅުގަނޑުމެން ދިވެހި ލޮބުވެތި ރައްޔިތުންނަށް، ވަކިން ހާއްސަކޮށް ކޮތަރު ކޮށީގައި ދިރިއުޅޭ ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ ﷲ އިރާދަފުޅުން ރައީސް ޔާމީން ކޮތަރު ކޮށްޓަށް ވަޑައިގަންނަވާނެއޭ. އެއީ އެ މަނިކުފާނު ދިވެހި ރައްޔިތުންނަށް ކޮށްދެއްވި މަސައްކަތް،" ޝިޔާމް ވިދާޅުވިއެވެ.
"ރައީސް ޔާމީނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ ޝަރުއީ ނިޒާމަށް އިހުތިރާމް ކުރައްވާ ބޭފުޅެއްކަމަށެވެ.
"މިއަދު ފަނޑިޔާރު ވެސް މި ވިދާޅުވީ އެ ވާހަކަ. މަޖުބޫރު ވާނެ ވިދާޅުވާން. ކޮންމެ ފަނޑިޔާރަކު ވެސް ކުރައްވައިގެން އިންނެވި ހުވައިގެ މަތީ ވާހަކަފުޅުދައްކަވާނަމަ، ރައީސް ޔާމީންގެ ސާބިތުކަމާމެދު ސުވާލު އުފައްދަވާނެ ފަނޑިޔާރެއް ނުހުންނަވާނެ،" ޝިޔާމް ވިދާޅުވިއެވެ.