06 Mar 2012, 09:43
އެއީ ހަނަފަސް ބޮޑު ބިމެކެވެ. ހިޔާއަޅާނޭ ގަހެއް ހާ ހިސާބު ވެސް ފެންނަނީ ހާލަކުން ފަހަރަކު އެވެ. މަގުތަކުގެ އަޑިގުޑަންތަކާއި ހަނަފަސްކަން ބޮޑެވެ. ދޭހާ އަތްވަކާއި ވެހޭހާ ވާރޭއަކުން ހިޔާވާނޭ މަދު ތަނެއް ނޫނީ ނުފެނެ އެވެ. ގާތްގަނޑަކަށް އެއް މިލިއަނެއްހާ އަކަފޫޓް ހިއްކައިގެން އަލަށް ހަދާފައިވާ "ގުޅީފަޅު" މިއަދު ސިފަ ވަނީ އެހެނެވެ. ކައިރި މުސްތަގުބަލެއްގައި އެ ރަށުން ދިރުމެއް ފެންނާނެ ހެނެއް ހިއެއްނުވެ އެވެ. ސިކުނޑީގައި އެނބުރެމުން އައި އެ ހިޔާލު ބަދަލުކޮށްލީ ޖީޕީޑީގެ އެމްޑީ ރާޖް އެސް މަނިވަނަން އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން އިރު މިތަނުގައި އެއްވެސް ގޮތަކަށް ހިކިފަސްތަނެއް ނެތް. އޮތީ ހަމަ އެކަނި ފަރެއް. މި މަސައްކަތަށް އިންވެސްޓްކޮށް، ބިންހިއްކާ މި ބިން ތަރައްގީ ކުރަމުން މި ގެންދަނީ... މިހާރު އަޅުގަނޑުމެން ކުރަމުން މި ގެންދަނީ ފޭސް އެކެއްގެ ފުލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތް. އެތަންތަނުގައި ރީތި ވިއުއެއް އިދެފައި ފުޅާ މަގުތަކާއި އިންޓީރިއާ ވެސް އެބޭފުޅަކު ބޭނުން ގޮތަށް އިންނާނީ. އަޅުގަނޑުމެން މިބަލަނީ 2013ގެ އާ އަހަރު މި ތަނުގެ ވަޒަން ވެރިވާ މީހުންނާ އެކު ފާހަގަކުރުމަށް،" ރާޖް ވިދާޅުވި އެވެ.
"އައި އޮފް މޯލްޑިވްސް"ގެ ޝިއާރުގެ ދަށުން ގުޅީފަޅު ތަރައްގީ ކުރާ އިރު ފުރަތަމަ ފިޔަވަހީގައި 240 ފުލެޓް އަޅަން ވަނީ ނިންމައިފަ އެވެ. މިހާރު ވެސް އޭގެތެރެއިން 50 ޕަސެންޓް ފުލެޓްތައް ވަނީ ވިކި ހުސްވެފަ އެވެ. އެ ފުލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު އެ ފުލެޓްތައް ގަތް ފަރާތްތަކުން ތިބީ އުފާވެފަ އެވެ. އެމީހުން ގުޅީފަޅާ މެދު ކުރާ އުންމީދުތައް ބޮޑެވެ. މާލޭގެ ހަލަބޮލި މާހައުލުން ނުކުމެ އަމާން މާހައުލެއްގެ ހަމަ އެކަނި އުންމީދަކީ ގުޅީފަޅުކަމުގައި އެމީހުންދެކެ އެވެ.
"އަޅުގަނޑުމެންނަށް މިތަން ފެނުނީ ހިތްގައިމުތަނެއްގެ އުންމީދެއްގެ ގޮތުން. ހުޅުމާލެ އަށް ވުރެ ވެސް މިތަން ހިތްފަސޭހަކޮށް ފެނުނީ. ހުރިހާ ގޮތަކުން ވެސް މިތަން ހިތްގައިމުކަމަށް މިބަލަނީ،" ގުޅީފަޅުން ފުލެޓް ގަނެ، އާއިލާ އާ އެކު އެ ރަށައް ޒިޔާރަތް ކުރި އިބްރާހިމް ޝަރީފް ބުންޏެވެ.
މިއަދު އެ ރަށަށް ދިޔަ ގިނ ބަޔަކު އިތުރަށް އުފާވި އެވެ. އެއީ ސިޔާސީ އެއްވެސް ކަމެއްގެ ސަބަބުން އެ މަޝްރޫއުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން ޖީޑީޕީން ދިނުމެވެ.
"އަޅުގަނޑުމެން މި ޕްރޮޖެކްޓް ހިންގަނީ ރައްތިޔިތުންނަށް ޓަކައި. އަޅުގަނޑުމެން ސަރުކާރަކުން މިކަމަށް ލޯ ލާރިއެއް ވެސް ނުނަގަން. ޕްރައިވެޓް ޕްރޮޖެކްޓެއް މިއީ. ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ހަޔާތެއް ހޯދަދިނުމަށް އަޅުގަނޑުމެން ކުރާކަމެއް. ސިޔާސީ އެއްވެސް ކަމުގައި ނުހުއްޓޭނެ،" ގުޅީ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާ ބައްދަލުކޮށް ރާޖް ވިދާޅުވި އެވެ.
ގުޅީފަޅުގައި، 2013 އަށް މީހުން ވަޒަންވެރި ކުރުމަށް މަސައްކަތް ކުރާއިރު އެ ރަށަކީ ތިމާވެއްޓާ ވެސް ރައްޓެހި ރަށެކެވެ. އާންމުން ދިރިއުޅޭ ހިސާބުގައި އެއްވެސް އުޅަދެއް ދުއްވުމަކީ އެރަށުގައި މަނާ ކަމެކެވެ. ޖީޕީޑީގެ ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އެގްޒެކެޓިވް މަރިޔަމްޝަހުލާ ވިދާޅުވީ ފްލެޓްތަކުގެ ކުރިމައްޗަށް ވާގޮތަށް ކުޑަކުދިން ބޯޓް ދުއްވާ އުޅެވޭ ފަދަ "ވޯޓާކެނަލެއް" އަކާއި ފްލެޓްތައް ކައިރީގައި "ފުރިހަމަ" ޕާކެއް ވެސް ހުންނާނެ ކަމަށެވެ. އަދސި އެރަށަކީ ފެހިރަށަކަށް ވާނެ ކަމައްވެސް ޝަހުލާ ވިދާޅުވި އެވެ.
"މިއީ ހިތްގައިމު ރަށަކަށް ވާނެ،" ވާހަކަ ނިންމާލަމުން ޝަހުލާ ވިދާޅުވި އެވެ.
އެއީ ހަގީގަތުގައި ވެސް ހިތްގައިމު ރަށަކަށް ވާނެ އެވެ. މިއަދު ހަނަފަސް ސަހަރާއަކަށް ވިޔަސް ވިނލިގިއްޔާއި ގުޅީފަޅު ގުޅުވާ ބުރިޖަށް އަމަލީސިފަ ގެނެވިއްޖެ ނަމަ އަދި އެކަން ކާމިޔާބުވާ ވަރު ބޮޑުވާނެ އެވެ. އެ މަސައްކަތް ފެށުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. ހުޅުމާލެ އަށް ވުރެ އެރަށް ހިތްގައިމު ވާނެ އެވެ. އެއީ ގިނަ ބަޔެއްގެ އުންމީދުތަކާ ގުޅިފައިވާ ހިތްގައިމު މަންޒިލެކެވެ. ގިނަ ބަޔެއްގެ ނަޒަރު ހުއްޓޭނީ ގުޅީފަޅަށެވެ.