18 Jul 2010, 15:41
19:00
އާބާދީ ބޮޑު ހަތަރު ރަށެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދެ މަސް ދުވަހުގެ މުއްދަތު ހަމަވެގެން ދިޔައިރު ވެސް، އެ ރަށްރަށުގައި އަދި ކުރިއަށް ދަނީ ހިއްކަން ބޭނުންވާ ސަރަހައްދުތަކުގެ ބައުންޑްރީ ޖެހުމުގެ މަސައްކަތް ކަމަށް އެ ރަށްރަށުގެ ރަށު އޮފީހުން ބުނެފި އެވެ.
ޤައުމާ މުހާތަބްކުރައްވާ ކޮންމެ ހުކުރު ދުވަހަކު ދެއްވަމުން ގެންދަވާ ރޭޑިއޯ ހިތާބުގައި މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ހަތަރު ރަށެއް ކަމުގައިވާ ޅ. ހިންނަވަރާއި، ބ.ތުޅާދޫއާއި، ނ. ވެލިދޫ އަދި ހއ. ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޭ 15 ވާ ހޮނިހިރު ދުވަހު ފައްޓަވައި، އެންމެ ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމާލައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގައި އެ މަސައްކަތް ފައްޓަވަނީ ވަރަށް ވެސް ބޮޑަށް ޕްލޭންކުރެވިގެން ކަމަށާއި މަސައްކަތް ފެށުމާއެކު ވަރަށް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެ ހަތަރު ރަށިގެ ބިން ހިއްކައި ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި ދެ މަސް ދުވަސް ވަނީ މި މަހު 15 އަށް ހަމަވެފަ އެވެ. ނަމަވެސް އެ ހަތަރު ރަށުގެ ތެރެއިން ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާނެ ކަމަށް ސަރުކާރުން އިޢުލާންކޮށްފައިވާ ބ. ތުޅާދޫގެ ކައުންސިލަރ މުހައްމަދު އުސްމާން މިއަދު ވިދާޅުވީ ތުޅާދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހިއްކަން ބޭނުންވާ ސަރަހައްދުގައި ބައުންޑްރީ ޖެހުމުގެ މަސައްކަތް މިދިޔަ މަހު ފަށައިފައި ވީނަމަވެސް މިހާރު އެމަސައްކަތް އެއްވެސް ވަރަކަށް ކުރެވެމުން ނުދާ ކަމަށެވެ.
ނ. ވެލިދޫ ބޮޑު ކަތީބު އިބްރާހިމް ހަލީމް ވިދާޅުވީ 14 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެރަށުގައި ފަށައިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބައުންޑްރީ ޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާތަނަށް ނިމިފައި ވަނީ އެމަސައްކަތުގެ ތިން ބައިކުޅަ އެއްބައި ކަމަށާއި މަސައްކަތް ނިމެނޭ ކަމަށް ސަރުކާރުން ބުނެފައިވާ މުއްދަތަށް ނުނިމި ލަސްވެފައިވަނީ މޫސުން ގޯސްވެގެން މަސައްކަތަށް ހުއްޓުމެއް އެރުމުގެ ސަބަބުން ކަމަށެވެ.
ހއ. ދިއްދޫ ކަތީބު އާދަމް ނަސީރު މިއަދު ވިދާޅުވީ އެ ރަށުގައި މިހާރު ކުރިއަށް ދަނީ ބައުންޑްރީ ޖެހުމުގެ ފަހު މަރުހަލާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބައުންޑްރީ ޖެހުމުގެ މަސައްކަތް މުޅިން ނިންމާލެވޭ ވަރުވާނެ ކަމަށެވެ.
ޅ. ހިންނަވަރު އޮފީހުން މައުލޫމާތު ދިން ގޮތުގައި އެރަށުގައި ވެސް އަދި ކުރިއަށް ދަނީ ބައުންޑްރީ ޖެހުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް މިހާރު އެމަސައްކަތް ވަނީ ކޮންމެވެސް ވަރަކަށް ހުއްޓިފައި ކަމަށް ވެސް ރަށު އޮފީހުން މައުލޫމާތު ލިބެ އެވެ.
ނެދަލޭންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫޢަށް 660 އެއްހާ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މިމަޝްރޫއަށް ބޭނުންވާ ލޯން އެހީ އަކީ ނެދަލޭންޑްގެ އައިއެންޖީ ބޭންކުން ލިބިފައިވާ ލޯން އެހީއެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި މަޝްރޫއު މުޅިން ނިންމާލެވޭނެ ކަމަށް ރައީސް ނަޝީދު ލަފާކުރައްވާފައިވާ މުއްދަތު ފަހަނަ އަޅައިދިޔައިރުވެސް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނުނިމި ލަސްވެފައިވަނީ ކީއްވެތޯ އޮޅުން ފިލުވާލުމަށް ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއާ ސުވާލުކޮށްލުމުން ވިދާޅުވީ މިވަގުތުގެ ގޮތުން އެކަމާ ބެހޭ ތަފްސީލެއް ދެއްވަން ދަތިފުޅު ކަމަށެވެ.