ފުލުހެއްގެ ސައިކަލެއް ރޭ ބަޔަކު ރޯކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ ހ. މުސްތަރީ މަގުގައި ބަހައްޓާގައި ހުރި ފުލުހެއްގެ ސައިކަލެއްގައި ބަޔަކު ރޯކޮށްލާފައި ވަނީ ދަންވަރު 2:30 ހާކަންހާއިރު ކަމަށެވެ.

އަދި އެ ސައިކަލުގައި ރޯކޮށްލި ކަމަށް ޝައްކު ކުރެވޭ މީހަކު ފުލުހުން އަތުލައިގެން ފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުގައި ރޭ އަލިފާނު ރޯކުރުމަށް ބަޔަކު މީހުން މަސައްކަތް ކޮށްފައިވާ ކަމަށާއި އަލިފާނު ރޯކުރުމަށް ބޭނުންކުރާ ބައެއް ސާމަނު މާލޭގެ އެކި ސަރަހައްދުތަކުން ފުލުހުން ހޯދާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މާލޭގައި އަލިފާން ރޯކޮށް ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައިވާ މީހުނާ މެދު ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.