06 Dec 2021, 19:11
ވަޒީފާގެ ބާޒާރަށް ނުކުންނައިރު ދިވެހި ޒުވާނުންނަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ވުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތް ކަމަށާއި ހަމައެކަނި ބޭނުންވަނީ ހިތްވަރާއެކު މަސައްކަތް ކުރުން ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
ހުނަވަރު ޕްރޮގްރާމްގެ ދަށުން، "ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021"ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ޓަކައި، އެމްޓީސީސީ އިން މިއަދު ވަނީ ޔޫތު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިކަމަށްޓަކައި އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިންއިސްމާއީލްއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު، ހުސައިން އިސްމާއީލް ވިދާޅުވީ މިފަދަ މުހިއްމު ޕްރޮގްރާމްތަކުގައި ބައިވެރިވެގެން ދިވެހި ޒުވާނުންގެ މުސްތަގުބަލު ބިނާ ކުރުމަށް ޓަކައި މަސައްކަތް ކުރުމުގެ ގިނަ ފުރުސަތުތަކެއް މިހާރު ހުޅުވާފައިވާ ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ ކުދިން މި ފަދަ ޕްރޮގްރާމްތަކުގަ ބައިވެރި ނުވުން. އެންވީމަ ދިވެހި ޒުވާނުންނަށް މި ދަންނަވަނީ ތިޔަ ޒުވާނުންނަށް އަޅުގަނޑުމެން މި އޮތީ ފުރުސަތުތައް ފަހިކޮށްދީފައޭ. މި ޕްރޮގްރާމު ތަކުގަ ބައިވެރިވެގެން ތިޔަ ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު މި އޮތިއްޔޭ. އަވަހަށް އަންނާށޭ،" ހުސައިންވިދާޅުވިއެވެ.
ހުސެއިން ވިދާޅުވީ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް"އަކީ ތައުލީމީ ދާއިރާއިން ކާމިޔާބުތަކެއް ހޯދިފައިނުވާ ޒުވާނުންނަށް އަމާޒު ކޮށްގެން، ވަޒީފާގެ ފުރުސަތުތައް ހޯދައިދީ އެ ފަރާތްތަކުގެ ހުނަރު އިތުރު ކުރުމަށް ޓަކައި ރާވާ އިންތިޒާމު ކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެކިއެކި ކުންފުނިތަކުން ގާތްގަނޑަކަށް 350 ސްލޮޓް މިހާތަނަށް ލިބިފައިވާ ކަމަށާއި އެހެންކަމުން މިއީ ކޮންމެ ދިވެހި ޒުވާނަކަށް ވެސް ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ވިދާޅުވީ މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ޒުވާނުންނަށް ހިތްވަރު ދެއްވާ ކަމަށެވެ.
"މި ޕްރޮގްރާމްގެ ތެރެއިން ކުދިން ވަޒީފާ އަދާކުރަމުން އަންނައިރު، އިސްޓްޓިއުޓް ތަކެއް ހޯދާފަ ހުންނާނެ އެ ކުދިންގެ އެކަޑަމިކް ބައި ކުރިއަށް ގެންދަން. އޭގެ ހުރިހާ ހަރަދެއް ކުރާނީ މިނިސްޓްރީން. އެސެސްމެންޓުގެ ހުރިހާ ހަރަދެއް ކުރާނީ ހަޔާ އެޑިއުކޭޝަނުން. އެހެންވީމަ އަޅުގަނޑުމެން ވަރަށް ގުޅިގެން މި ޕްރޮގްރާމް މި ހިންގަނީ،" ހުސައިންވިދާޅުވިއެވެ.
ހުސައިންވިދާޅުވީ މުޖުތަމައުގެ ވިސްނުން މިއަދު ހުރީ ކޮންމެ ޒުވާނަކީ ވެސް ސަރުކާރުގެ ވަޒީފާއެއް ލިބެންޖެހޭ މީހެއްގެ ގޮތަށް ކަމަށާއި އެހެނަސް، އެ އެންމެންނަށް ސަރުކާރުން ވަޒީފާއެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ސުކޫލް ނިންމާފައިތިބި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމް ފާށާނީ މިއަދު ކަމަށެވެ.
"މިއަދު އަޅުގަނޑުމެން އޭގެ ފުރަތަމަ ޕްރޮގްރާމް އެބަ ފަށަން. އެއީ ކެރިއާ ގައިޑެންސާ އެމީހުންގެ ލީޑާޝިޕް ޓްރޭނިން،" ހުސައިންވިދާޅުވިއެވެ.
ހުސައިންވިދާޅުވީ މީގެ އިތުރުން ހަފްތާ ރޭސްގެ ނަމުގައި އަތޮޅުތެރޭގައި ވެސް ޕްރޮގްރާމެއް ހިންގަމުން އެބަ އަންނަ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެ ޕްރޮގްރާމަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.