އިސްލާމްއާބާދު (މާޗް 6): ނިއުކްލިޔާ އަދި ކޮންވެންޝަނަލް ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިގެންވާ ބެލަސްޓިކް މިސައިލެއް ޕާކިސްތާނުން އިއްޔެ ތަޖްރިބާކޮށްފި އެވެ.

ޕާކިސްތާން ސިފައިންގެ ޕަބްލިކް ރިލޭޝަން ޑިވިޝަނާ ޙަވާލާދީ އެ ޤައުމުގެ ޖިޔޯ ޓީވީ ބުނި ގޮތުގައި "ޙަތްފު 2" ގެނަމުން ނަން ދެވިފައިވާ މި މިސައިލް އުދުއްސާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ އޭގެ އަމާޒަށް ވާސިލްވެފަ އެވެ. ޕާކިސްތާނުން ތަޖްރިބާކުރި މި މިސައިލަކީ އަޑަށް ވުރެ ދެ ގުނަ ބާރަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ ކުރުރާސްތާގެ މިސައިލެކެވެ.

މި މިސައިލް ތަޖްރިބާކުރުމަށް ބޭނުންކުރި ސަރަޙައްދުގެ ނަން ޕާކިސްތާން ސިފައިން ހާމައެއް ނުކުރެ އެވެ. "ޙަތްފު 2"ގެ އިތުރުން އެހެން މަރުކާތަކުގެ ބެލަސްޓިކް މިސައިލާއި ކްރޫޒް މިސައިލްތައް ވެސް އުފައްދައި ޕާކިސްތާނުން ގެންދަނީ ތަޖްރިބާ ކުރަމުންނެވެ. މީގެތެރޭގައި އިންޑިޔާގެ ކޮންމެ ސަރަޙައްދަކަށް ވެސް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ނިއުކްލިޔާ މިސައިލް ވެސް ހިމެނެ އެވެ.

ޕާކިސްތާނުގެ ދިފާޢީ އައްޑަނައިގެ މައިބަދައަކީ އެޤައުމުގެ ސްޓްރެޓީޖިކް ބާރުތަކެވެ. މީގެތެރޭގައި ހިމެނެނީ ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލްތަކެވެ. ޕާކިސްތާނުން މިމިސައިލް ތަޖްރިބާކުރީ ނިއުކްލިޔާ އެތަށް ބޮލެއް އެއްފަހަރާ އުފުލުމުގެ ޤާބިލްކަން ލިބިގެންވާ ބާރުގަދަ ބެލަސްޓިކް މިސައިލެއް އިންޑިޔާ އިން މިމަހުގެ ދެ ވަނަ ދުވަހު ތަޖްރިބާކޮށްފައިވަނިކޮށެވެ.

އިންޑިޔާ އިން ތަޖްރިބާކުރި މިސައިލަކީ އަޑަށް ވުރެ ހަތް ގުނަ ބާރަށް ދަތުރުކުރާ މިސައިލެކެވެ. އިންޑިޔާގެ ކޮންމެ ތަނަކަށް ޙަމަލާދިނުމުގެ ޤާބިލްކަން ޕާކިސްތާނަށް ލިބިގެންވާ ފަދައިން އިންޑިޔާއަކީ ވެސް ޕާކިސްތާނުގެ ކޮންމެ ސަރަޙައްދަކަށް މިސައިލުން ޙަމަލާދިނުމުގެ ކެރިފޯރުން ލިބިގެންވާ ޤައުމެކެވެ. (ނޫސްއެޖެންސީތައް)