06 Mar 2012, 09:30
ޓޯކިޔޯ (މާޗް 6): ޖަޕާނުގެ އެމްޕެރާ އަކިހީޓޯ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު އިއްޔެ ހޮސްޕިޓަލުން ނުކުމެ ވަޑައިގެންފި އެވެ. ޖަޕާނުގެ ޝާހީ ޢާއިލާގެ ޚަބަރުތައް ކަވަރކުރާ އިންޕީރިއަލް ފެމިލީ ނޫސްއެޖެންސީ ބުނިގޮތުގައި އަކިހީޓޯ ކުރެއްވީ އޯޕަން ހާޓް ސަރޖަރީއެކެވެ.
މިއޮޕަރޭޝަން ކުރައްވާފައި ވަނީ ޓޯކިޔޯ ޔުނިވަރސިޓީ ހޮސްޕިޓަލުގަ އެވެ. ސަރޖަރީއަށް ފަހު ހޮސްޕިޓަލުން އޭނާ ނުކުމެވަޑައިގަތީ އަރާމުކުރެއްވުމަށް ދެހަފްތާވަންދެން އޮންނެވުމަށް ފަހުގަ އެވެ. އަކިހީޓޯގެ އޮޕަރޭޝަނަށް ފަހު މިވީ ދެހަފްތާގައި އޭނާއަށް ސިއްޙީ އެއްވެސް މައްސަލައެއް ކަމަށް ކުރިމަތިނުވާ ކަމަށް އޭނާ އަށް ފަރުވާކުރާ ޑޮކްޓަރުންގެ ޓީމުން ބުނެ އެވެ.
އޮޕަރޭޝަނަށް ފަހު އަކިހީޓޯގެ ޙާލުކޮޅު ރަނގަނޅުވަމުން އައި ނަމަވެސް ދެ ހަފްތާވަންދެން އޭނާ ހޮސްޕިޓަލުގައި އޮންނަވަން ޖެހުނީ އޮޕަރޭޝަނުގެ ބާވަތުންނާއި އުމުރުފުޅު މަތިވުމާގުޅިގެން މައްސަލައެއް ކުރިމަތިވެދާނެތީ ކަމަށް އޮޕަރޭޝަންކުރި ޓޯކިޔޯ ޔުނިވަސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ބުނެ އެވެ. ޖަޕާނުގެ އެންޕެރައަކީ ވެރިކަމުގެ އެއްވެސް ބާރެއްނެތް ހަމައެކަނި ރަމްޒީ ޝަޚްސިއްޔަތެކެވެ.
އެންޕެރައަކީ ޖަޕާން ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. އަކިހީޓޯ އެންޕެރާ ކަމުގެ މަޤާމަށް އިސްކުރެވުނީ 1989 ގައި އޭނާގެ ބައްޕަ ހީރޯހީޓޯ އަވަހާރަވުމާ ގުޅިގެންނެވެ.
އަކިހީޓޯގެ ސިއްޙީ ޙާލުކޮޅު ފާއިތުވި 9 ވަރަކަށް އަހަރު ތެރޭގައި ދަށަށް ގޮސްފަ އެވެ. މިގޮތުން އަކިހީޓޯ އަށް ޕްރޮސްޓޭޓް ކެންސަރުޖެހިވަޑައިގަތުމާ ގުޅިގެން އޭނާގެ ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނެއް 2003 ވަނައަހަރު ވަނީ ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)