06 Dec 2021, 13:48
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ހިންގާ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021" ފުރިހަމަކުރާ ބައިވެރީންގެ ތެރެއިން އެމްޓީސީސީގެ ވަޒީފާ ތަކަށް ހޮވޭ، ޒުވާނުންނަށް މަހަކު 25,000 ރުފިޔާގެ މުސާއެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
ހުނަވަރު ޕްރޮގްރާމްގެ ދަށުން، މީހުން ތަމްރީން ކުރުމަށް ޓަކައި، އެމްޓީސީސީ އިން ޔޫތު މިނިސްޓްރީއާއެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިކަމަށްޓަކައި އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލްއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، ނޫސްވެރިނަންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިފަހަރުގެ ހުނަރު ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުން ވެސް ހިތްވަރާއެކު މަސައްކަތް ކޮށްގެން، އެމްޓީސީސީ ތެރެއިން ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި ޒުވާނުންނަށް ޓަކައި އެމްޓީސީސީގެ ތެރޭގައި އެފަދަ މުހިއްމު ފުރުސަތުތައް ހުޅުވާފައިވާއިރު، އެ ހިސާބަށް ދާން ހިތްވަރާއެކު މަސައްކަތްކުރާ މަންޒަރު ނުފެންނާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މުރާލިކަމާއެކު މަސައްކަތް ކޮށްފިނަމަ 25،000 ރުފިޔާގެ މުސާރައެއް ގެއަށް ގެންދަން ލިބޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ މި ޕްރޮގްރާމްގެ އަމާޒަކީ މަދަރުސީ ހަޔާތުގައި އެކަށީގެންވާ ކާބިޔާބެއް ހާސިލު ކޮށްފައިނެތް ޒުވާނުންނަށް ވެސް އަލުން ދެވަނަ ފުރުސަތެއް ހޯދައިދީ އެމީހުންނަކީ މުޖުތަމައުއަށް ބޭނުންތެރި މަސައްކަތެއް ކުރާނެ ބަޔަކަށް ހެދުން ކަމަށެވެ.
އޭނާ ވިދާޅުވީ ރަނގަޅު އާމްދަނީއެއް ލިބި، ރިވެތި ދިރިއުޅުމެއް ބިނާކޮށްގެން ފަހުރުވެރި އާއިލާއަކާއެކު ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަކީ އެ ޕްރޮގްރާމްގެ އެއް އަމާޒު ކަމަށެވެ.

"ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021"ގެ ދަަށުން ޒުވާނުން ތަމްރީން ކުރުމަށް ޓަކައި ޔޫތު މިނިސްޓްރީއާ އެމްޓީސީސީއާ ދެމެދު ސޮއި ކުރުން ---
އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ހުނަރު ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން މި ފަހަރުގެ ޕްރޮގްރާމުގައި ވެސް ތިރީހަށްވުރެ، ގިނަ ޒުވާނުންނަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ކޮންމެ ބައިވެރިއަކަށް ވެސް 3،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށާއި އަދި ރަށުން ބޭރު، ސައިޓެއްގައި މަސައްކަތްކުރާ ނަމަ ހުރުމާއި ކެއުމުގެ އިތުރުން ދަތުރުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ހިލަ ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތުގައި އެއްވެސް ދިވެއްސަކު ބައިވެރިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޓީސީސީ އިން ހިންގި ހުނަރު ޕްރޮގްރާމު ތެރެއިން ވެސް ފަނަރަ ކުއްޖަކު ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ތޭރަ ކުއްޖަކު ތަމްރީނު ކުރުމަށްފަހު، ލައިސެންސް ހޯދައިދީ އެ ކުދިން މިހާރު ތިބީ އެމްޓީސީސީގެ ވަޒީފާގައި ކަމަށެވެ.
"އެ ކުދިންނަކީ އަހުލާގު ރަނގަޅުކޮށް އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކޮށްގެން މިތަނުން ވަޒީފާ ދީފަ ތިބި ކުދިން. މިއަދު އެކުދީންނަކީ ގެއަށް ކޮންމެ މަހަކު ފަނަރަ ހާހާ ފަންސަވީސް ހާހާ ދެމެދުގެ މުސާރަ ގެންދާނެ ކުދިން. އެ ކުދިންގެ ވެސް ހުނަރުތައް އިތުރަށް ތަރައްގީ ކޮށްފިނަމަ ފަންސަވީސް ހާސް ރުފިޔާގެ މުސާރައަކާ ހަމައަށް އެ ކުދީންނަށް ދެވޭނެ ފުރުސަތު އެބައޮތް،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިފަހަރުގެ ހުނަރު ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުން ވެސް ހިތްވަރާއެކު މަސައްކަތް ކޮށްފި ނަމަ އެމްޓީސީސީ ތެރެއިން ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.
"އެ ފުރުސަތުތައް ބޭނުންކޮށްގެން ކުރިއަށް ދިއުމުގެ ބާރު އޮތީ އެ ކުދީންގެ އަތުގައި. އެމްޓީސީސީ ތެރެއިން ދިވެހި ޒުވާނުން ކުރިއަށް ގެންދިއުމަށް ޓަކައި މެނޭޖްމެންޓުން ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ދިވެހި ޒުވާނުންނަށް އަރުވަން،" އާޒިމް ވިދާޅުވިއެވެ.
ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.
މި ޕްރޮގްރާމް ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމާ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ.
މިގޮތުން މިހާރު މިފެށޭ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭ 100 މީހުން ތަމްރީން ކުރުމެވެ. އަދި މިއަހަރު މި ޕްރޮގްރާމްގެ ދަށުން 30 މީހުން ތަމްރީން ކުރާނެ ކަމަށެވެ.