ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2.4 މިލިއަން ރުފިޔާއަށް އެދިވަޑައިގަތުމުން އެކަމާމެދު މިހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޔާމީން ފިނޭންސްގައި އެދިވަޑައިގެންފައި ވަނީ ޖަލުގައި ހޭދަ ކުރެއްވި ދެ އަހަރުގެ ތެރޭގައި ނުލިބިވާ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ދިނުމަށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ ޑިރެކްޓާ މުހައްމަދު ޝަނޫން "ސަން"އަށް ވިދާޅުވީ އިނާޔަތަށް އެދި މިދިޔަ ބުރާސްފަތި ދުވަހު ޔާމީން ވަނީ އެދިވަޑައިގެންފައިކަމަށާއި މި ހަފްތާ ތެރޭގައި އެއާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

"މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީން އެދިވަޑައިގެންފައިވަނީ. އޭގައި ގޮތެއް މި ހަފްތާތެރޭގައި ނިންމާފައި ހާމަކުރާނަން." ޝަނޫން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޔާމީންގެ މައްޗަށް 28 ނޮވެމްބަރު 2019 ވަނަ ދުވަހު، ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ހަމައަށް އިނާޔަތުގެ ގޮތުގައި ލިބެމުން އައީ އެއް ލައްކަ ރުފިޔާ ކަމަށެވެ.

އެއީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއައި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއެވެ.

އެ ބަޔާނުގައި ބުނީ ޔާމީނަކީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޮފީހެއް ހިންގަވާ ބޭފުޅެއް ކަމަށް ނުވާތީ، އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ 175,000 ރުފިޔާ މިހާތަނަށް ދުވަހަކު ވެސް ނަންގަވައިފައި ނުވާ ކަމަށެވެ.

އެހެންކަމުން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ހޭދަކުރެއްވި ދެ އަހަރު ދުވަހުގެ އިނާޔަތް ހޯދުމަށް އެދިފައިވާނީ، ކޮންމެ މަހަކަށް އެއް ލައްކަ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ދެ އަހަރަށް ވާ އަދަދު ބަލާނަމަ، އެއީ 24 ލައްކަ ނުވަތަ 2.4 މިލިއަން ރުފިޔާއެވެ.

ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ. ޖަލަށް ލާން ހުކުމް ކުރި ހިސާބުން އެ އިނާޔަތްތައް އޮތީ މެދުކެނޑިފައެވެ.

ނަމަވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްފައެވެ. އެއާއެކު އަލުން އެ މަނިކުފާނަށް ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި ސެކިއުރިޓީގެ ހިދުމަތް ދައުލަތުން އެ މަނިކުފާނަށް ފޯރުކޮށްދޭންވަނީ ފަށާފައެވެ.

ރައީސް ޔާމީން މިނިވަންވުމާއެކު އެ މަނިކުފާނަށް ލިބެންޖެހޭ އިނާޔަތްތައް އެ މަނިކުފާނަށް ދިނުމަށް ޓަކައި ކޮންޓިންޖެންސީ ބަޖެޓުން އިނާޔަތްތަކަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.