06 Mar 2012, 09:12
މޮސްކޯ (މާޗް 6): ރަޝިޔާގެ ރިޔާސީ އިންތިޚާބު، ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިން ކާމިޔާބު ކުރެއްވުމަކީ ހަނގުރާމަ އިޢްލާން ކުރުން ކަމަށް ބުނެ އިޙްތިޖާޖް ކުރަމުން ގެންދާ ރަޝިޔާގެ އިދިކޮޅު ފަރާތްތަކަކީ ރަޝިޔާގެ މުޅިދައުލަތް ފުނޑުފުނޑު ކުރަމުން ގެންދާ ބައެއް ކަމަށް ރައީސް ވްލްޑިމޭރު ޕޫޓިން ސިފަކުރައްވައިފި އެވެ.
ޕޫޓިން އަށް ތާއީދުކުރުމުގެ ގޮތުން ކްރިމްލިން ކައިރިއަށް ރޭ އެއްވި ލައްކައެއްހާ މީހުންނާ މުޚާތަބުކުރައްވައި އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރުމަކީ ބޭރުގެ ދުޝްމަނުން ރަޝިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް މަގުހުޅުވިގެންދާނެ ކަމެއް ކަމުގަ އެވެ. އެހެންކަމުން މިއީ ރަޝިޔާގެ މުޅިދައުލަތް ހަލާކުގެ ތެރެއަށް ވައްޓާލުން ކަމަށާއި އެ ފުރްސަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ނުބައި ސިނާރިޔޯތައް ރަޝިޔާގެ ފަސްގަނޑުގައި ކާމިޔާބު ނުކުރެވޭނެ ކަމަށާއި ރަޝިޔާގެ ދާޚިލީ ހަމަޖެހުމާއި ސުލްޙަ އާއި އަދި ދައުލަތް ދެމެހެއްޓުމަށް ޓަކައި ބާރުގެ ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. ރަޝިޔާގެ ސަލާމަތީ ބާރުތަކުން ވަނީ ޕޫޓިންއާ ދެކޮޅަށް އިޙްތިޖާޖްކުރި މީހުންގެ ތެރެއިން 550 މީހުން ހައްޔަރުކޮށްފަ އެވެ. މީގެތެރޭގައި ރިޔާސީ ދެކެންޑިޑޭޓަކު ވެސް ހިމެނޭކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ޕޫޓިން، ރަޝިޔާގެ ރިޔާސީ އިންތިޚާބު 63 ޕަސެންޓްގެ އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ ވޯޓަށް މަކަރު ހައްދަވައިގެން ކަމަށް ބުނެ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރުމަށް އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް ވަނީ ދެކޮޅު ހަދާފަ އެވެ.
ޕޫޓިންއާ ދެކޮޅަށް މިދިޔަ ހޯމަ ދުވަހު މޮސްކޯގައި އިޙްތިޖާޖްތައް ކުރުމަށް ފަހު އިދިކޮޅު ހުރިހާ ފަރާތްތަކަކުން މިހާރު ތައްޔާރުވަމުން ގެންދަނީ ރަޝިޔާގެ ބޮޑެތި ސިޓީތަކުގައި ވެސް މުޒާހަރާތައްކުރުމަށް ތައްޔާރުވަމުންނެވެ. އަދި މިއަދު ހެނދުނު ވެސް ކްރިމްލިންގެ ކައިރިއަށް ޖަމާވެ، ޕޫޓިންއާ ދެކޮޅަށް އިޙްތިޖާޖް ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ރާވާފަ އެވެ.
ރަޝިޔާގެ އިންތިޚާބު ބަލައި މޮނިޓަކުރި ބޭރުގެ އޮބްޒާވަރުންގެ ތެރެއިން ބައެއް މީހުން ވަނީ ބައެއް ކަހަލަ މައްސަލަތައް އިންތިޚާބަށް ކުރިމަތިވި ކަމަށާއި ނަމަވެސް ފާޅުކަންބޮޑުގޮތެއްގައި ވޯޓު އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގިކަން އެނގިފައިނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ވޯޓުލުމުގެ ކަންތައްތައް ބަލަމުން ދިޔަ ކެމެރާތަކަށް ގޮތްނޭންގޭ ފަރާތްތަކަކުން ވޯޓު އޮޅުވާލުމަށް ހިންގި ޙަރަކާތްތަކެއްގެ މަންޒަރުތައް ރެކޯޑް ކުރެވިފައިވާ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ހަމައެފަދައިން ޔޫރަޕްގެ އޮބްޒާވަރުންގެ ޓީމަކުން ވެސް ވަނީ ވޯޓު އޮޅުވާލުމުގެ ސިއްރު ޙަރަކާތްތަކެއް ބައެއް ސަރަޙައްދުތަކުގައި ކުރިޔަށް ދިޔަކަން ނޯޓުކުރެވިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޕޫޓިން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އަލުން ވެރިކަމަށް އިންތިޚާބު ވުމުން ޔޫރަޕްގެ ގިނަ ޤައުމުތަކުން ވަނީ ޕޫޓިން އަށް މަރްޙަބާ ކިޔައި އޭނާއާ އެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ފަދަ ޔޫރަޕްގެ ބޮޑެތި ޤައުމުތަކުގެ ވެރިން ވަނީ ޕޫޓިން އަށް މަރްޙަބާ ދަންނަވައި އޭނާ އަށް ތަހްނިޔާ ފޮނުއްވާފަ އެވެ. އެހެން ޤައުމުތަކުން ވެސް ޕޫޓިންގެ އިންތިޚާބީ ޙާލަތަށް ޝައްކުކޮށް ވާހަކަ ދައްކާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެޤައުމުތަކުން ވެސް ގެންދަނީ ޕޫޓިންއަށް މަރްޙަބާ ކިޔަމުންނެވެ. (ނޫސްއެޖެންސީތައް)