ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓުތަކާ ގުޅިގެން ބީލަން ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެއް އިފްތިތާހުކޮށްފިއެވެ.

އެ ޕޯޓަލް އިފްތިތާހުކުރީ މިއަދު މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އެ ހަފްލާގައި މިނިސްޓަރު އަމީރު ވިދާޅުވީ އެއް ތަނަކަށް އެއްވެ، ބީލަން ހުށަހެޅުމުގައި ހުރި ދަތިތައް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ. އަދި އޮންލައިންކޮށް ބީލަން ހުށަހެޅޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ބީލަންވެރިންނާއި ދައުލަތުގެ އޮފީސްތަކުން ވެސް ފިނޭންސް މިނިސްޓްރީގައި ތަކުރާރުކޮށް އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކަށްވީ އޮންލައިންކޮށް ބީލަން ބަލައިގަތުމުގެ ކަންކަން އިންތިޒާމުކުރާ އިރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަގުސަދު ހާސިލްވާނޭހެން އަދި ފަސޭހަގޮތަކަށް ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅޭނެހެން އެކަން ކުރުމަށް މަގު ފަހިކޮށްދިނުމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

"މިއަދު މި ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކުރެވިފައިވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެގޮތަށް. އަދި، މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިންވެސް އިސްތިސްނާވެގެން ނުވާކަން ފާހަގަކުރަން،" އަމީރު ވިދާޅުވިއެވެ.

ބީލަން ޕޯޓަލް އިފްތިތާހު ކުރަން ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

މީގެ އިތުރުން މިނިސްޓަރު ވަނީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް ފާހަގަކުރައްވައިފައެވެ.

"ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޕްރޮކިއުމަންޓާއި ގުޅޭ ސިޔާސަތު ހަދާ ފަރާތާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްވަނީ ވަކިކުރެވިފައި. މިގޮތުން، ޕްރޮކިއުމަންޓްއާ ގުޅޭ ސިޔާސަތުތައް އެކުލަވައިލައްވައި، އެ ސިޔާސަތުތައް ތަންފީޒުކުރާ މިންވަރު ދެނެގަނެ މޮނިޓާ ކުރުމަށްޓަކައި، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުވަނީ އެކުލަވާލެވިފަ،" އަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު އެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމެޓީގެ އިތުރުން، ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދައި އެ ކޮމިޓީތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި އެފަދަ މެކޭނިޒަމް ގާއިމު ކުރުމުން ހަމައެކަނި ނުފުދޭ ކަމަށާއި އެކަންތައްތައް ތަންފީޒު ކުރުމަށް ޕްރޮކިއުމަންޓުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ބީލަންވެރިންނާއި އަދި ކޮންޓްރެކްޓަރުން ދައުރު މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބީލަން ޕޯޓަލް އިފްތިތާހު ކުރަން ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

އެހެންކަމުން، ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި، ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ޓްރެއިނިން ޕްރޮގްރާމް ވުޖޫދަށް ގެނެސް އެ އަހަރުގެ ފުރަތަމަ ދެ ކުއާޓަރު ނިމުމުގެ ކުރިން ދައުލަތުގެ އެކި އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200 އަށްވުރެ ގިނަ މުވައްޒަފުން މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރުން،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވަނީ ބީލަންވެރިން ޕޯޓަލް ބޭނުންކުރުމުގައި ހުރި ދަތިތަކާއި އަދި ޕޯޓަލް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައް ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

ހަމައެއާއެކު ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބިލްތަކަށް ފައިސާ ލިބިމުގައި ދިމާވާ ދަތިތައްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ، އެކަން ހައްލު ކުރުމަށް ޓަކައި ދައުލަތުގެ ކޮންމެ އޮފީހަކަށްވެސް ބިލް ހުށަހެޅޭ ފުރަތަމަ ތާރީހުން ފެށިގެން ފިނޭންސް މިނިސްޓްރީއަށް އެ ބިލް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަން އިއުލާން ކުރައްވައިފައެވެ.