06 Dec 2021, 10:23
ތެހެރާން (ޑިސެންބަރު 6) : ނިއުކްލިޔާ މައްސަލާގައި އެމެރިކާއާއެކު ވިއެނާގައި ދައްކަމުން ގެންދާ ވާހަކަތަކުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެދި އެމެރިކާއަށް އާދޭސް ނުކުރާކަމަށާ އެވާހަކަތަކާއި އީރާނުގެ އިގްތިސާދު ނުގުޅުވާނެކަމަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވެއްޖެއެވެ.
ޓީވީ ބަސްދީގަތުމެއްގައި ރައީސީ ވިދާޅުވިގޮތުގައި އީރާނުގެ އަމާޒަކީ އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރުކަނޑުވާލުމާއި އެފިޔަވަޅުތައް ނާކާމިޔާބުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ހަތިޔާރުގެ ސިނާއަތާއި ނިއުކްލިޔާ ޓެކްނޮލޮޖީގައި އީރާން އަމިއްލަ ފައިމައްޗަށް ތެދުވިގޮތަށް އިގްތިސާދީ ގޮތުންވެސް އަމިއްލަ ފައިމައްޗަށް ތެދުވާނެކަމަށާ އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އުޅެން އީރާން ދަސްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އިންތިހާއަށް ހަރުކަށިވިނަމަވެސް އީރާނުގެ އިގްތިސާދު އިނޖަދައްސާލުމުގައި އެފިޔަވަޅުތައް ނާކާމިޔާބުވެފައިވުމަކީ އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އީރާން ކުރާމަސައްކަތްތަކަށް ކާމިޔާބުވަމުންދާކަމުގެ ހެއްކެތްކަމަށް ރައީސީ ވިދާޅުވިއެވެ.
ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވެ އީރާނާ ދެކޮޅަށް 8 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މިފިޔަވަޅުތަކުގެ ބޭނުމަކީ އެމެރިކާ ބޭނުންވާގޮތަށް އީރާނުގެ ސިޔާސަތުތައް އަނބުރާލުމަށް މަޖްބޫރު ކުރުމާއި ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެދޭ ބަދަލުތައް ގެނައުމަށް އީރާނަށް މަޖްބޫރުކުރުން ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެތަށް ބާވަތެއްގެ ބޭސް އީރާނަށް ލިބުން މަނާކުރުންފަދަ ފަދަ ލާއިންސާނީ ފިޔަވަޅުތައްވެސް ހިމެނެއެވެ. މިފިޔަވަޅުތަކަށް 5 އަހަރު ވީއިރު ކިތަންމެ ދަތިތަކެއް ތަހައްމަލް ކުރަން އީރާނަށް ޖެހުނު ނަމަވެސް އީރާނުގެ އިގްތިސާދު އިނދަޖައްސާލުމުގައާއި އީރާނުގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުން ހުއްޓުމަކަށް ގެނައުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައި ކަމަށް ރައީސީ ވިދާޅުވިއެވެ. އަދި މިހާރު ކުރިޔަށްދާ ނިއުކްލިޔާ ވާހަކަ ތަކުގައިވެސް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެދި އެމެރިކާއަށް އާދޭސް ނުކުރާނެކަމަށާ އަދި ނިއުކްލިޔާ ހައްގުތައް އީރާނުން ގުރުބާން ނުކުރާނެކަމަށް ރައީސީ ވިދާޅުވިއެވެ.

ވިއެނާގައި ކުރިޔަށްދާ އީރާނުގެ ނިއުކްލިޔާ ވާހަކަތައް
ޓްރަމްޕަށްފަހު އެމެރިކާގެ ރައީސް ޖޯބައިޑެންގެ ސަރުކާރުންވެސްވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަވެސް ލުއެއް ނުދީ އެފިޔަވަޅުތައް ދަމަހައްޓާފައެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާން ނުގުޑާނެކަން ކަށަވަރުވާތީ ބައިޑެންގެ ސަރުކާރުންވަނީ ނިއުކްލިޔާ އެއްބަސްވުމަށް އިތުރު ބަދަލެއް ނުގެނަސް ކުރީގެ އެއްބަސްވުމަށް އެމެރިކާ އަލުން އިއާދަވުމުގެ ވާހަކަތައް އީރާނާއެކު ފަށާފައެވެ.
ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި އައުމުގެ ވާހަކަތައް ކުރިޔަށްދަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާން ހިންގާ ނިއުކްލިޔާ ހަރަކާތްތައްވެސް ހުއްޓާލުމުގެ މައްޗަށެވެ. މިދެމައްސަލާގައި އެއްބަސްވުމަކަށް އާދެވިއްޖެނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް އެމެރިކާ ބުނެއެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވިގޮތުގައި ވިއެނާގައި ކުރިޔަށްގެންދާ ނިއުކްލިޔާ ވާހަކަތަކަށް ނާކާމިޔާބު ކޮށްލުމަށާ އެވާހަކަތަކަށް ނުފޫޒު ފޯރުވުމަށް ޔަހޫދީ އިސްރާއީލު ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ނިއުކްލިޔާ ވާހަކަތަކަށް ކުރިއެރުން ނުލިބޭކަމަށް ބުނެ ވާހަކަތަކުގެ ރޫހު ގެއްލުވާލުމަށާއި ނަފްސާނީ ގޮތުން އީރާން ބަލިކޮށްލުމަށް އިސްރާއީލުގެ ނުފޫޒުގައި މަސައްކަތްކުރާ ކަމުގެ ތުހުމަތު ރައީސީ އެމެރިކާގެ މައްޗަށްވެސް ކުރެއްވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވަނީ ނިއުކްލިޔާ ވާހަކަތަކުގައި އެންމެފަހުން އީރާން ހުށަހެޅި ޕްރޮޕޯސަލްތައް ކަމުނުދާކަމަށް ވިދާޅުވެ އީރާނަށް ފާޑުވިދާޅުވެފައެވެ. އަދި ވާހަކަތައް ކާމިޔާބު ނުވެއްޖެނަމަ އީރާނާދެކޮޅަށް އެޅިދާނެ އެހެން ފިޔަވަޅުތައްވެސް އެބަހުރިކަމަށް ވިދާޅުވެ ބްލިންކެންވަނީ އީރާނަށް އިންޒާރު ދެއްވާފައެވެ. މިއިންޒާރަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އަލީ ބާގިރީ ވަނީ އީރާނާ ދެކޮޅަށް އަސްކަރީ އުދުވާނެއް ހިންގައިފިނަމަ އޭގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެކަން ބްލިންކެން އަށް ހަނދާން ކޮށްދެއްވާފައެވެ.
ބްލިންކެންގެ ވާހަކަ މިގޮތަށް ހުރިނަމަވެސް އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ބައިއަދާކުރާ ޔޫރަޕްގެ އިއްތިޙާދުގެ މަންދޫބުވަނީ ވާހަކަތަކަށް ކުރިއެރުން ލިބެމުންދާކަމާއި ވާހަކަތައް ކުރިޔަށްދަނީ ރަނގަނޅު މާހައުލެއްގައި ކަމަށް ވިދާޅުވެފައެވެ.
ވިއެނާގައި ވާހަކަތައް ކުރިޔަށްދާއިރު އިސްރާއީލު ގެންދަނީ އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކަށް އިސްވެ ހަމަލާދޭނެކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދެމުންނެވެ. އަދި އީރާނާބެހޭގޮތުން އެމެރިކާއާ ޚާއްސަ މަޝްވަރާތަކެއް ކުރުމަށްޓަކައި އިސްރާއީލުގެ ޖާސޫސީ އިދާރާ (މޫސާދު) ގެ ވެރިޔާ ވަނީ މިއަދު ވޮޝިންޓަނަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އެއަށްފަހު އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގެންޓްސް ވަނީ އީރާނާބެހޭގޮތުން މަޝްވަރާކުރުމަށް މިހަފްތާ ނިމޭއިރު ވޮޝިންޓަނަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭގޮތަށް 2015 ވަނައަހަރު ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާއިން އީރާނާއެކު ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކުރީވެސް އެކަމާ އިސްރާއީލު ދެކޮޅު ހަދަމުން ގެންދަނިކޮށެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްބަސްވުމަށްފަހު އެމެރިކާ އުވާލިއެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އިސްރާއީލުގެ ފިއްތުންތަކާ ގުޅިގެން އެމެރިކާވަނީ އަލުން އެފިޔަވަޅުތައް އީރާނާދެކޮޅަށް އަޅައި އަދި ނިއުކްލިޔާ އެއްބަސްވުމުންވެސް އެކަހެރި ގޮތެއްގައި ވަކިވެގެންފައެވެ.