05 Dec 2021, 23:01
ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ދެނެގަނެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މި ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއް ކަމަށެވެ. މި ފަތުރުވެރިޔާއަށް ޖެހިފައި ހުރީ ކޮވިޑްގެ އައު ވޭރިއަންޓުކަން ދެނެގަނެފައިވަނީ ޖެނޯމިކް ސީކުއެންސިން އިންނެވެ.
އެހެންނަމަވެސް މިއީ ކޮން ގައުމަކުން ރާއްޖެ ދަތުރުކުރި ފަތުރުވެރިއެއް ކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއްނުވެއެވެ.
އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މި ގައުމުތަކުން ރާއްޖެއަށް މީހުން މަނާކުރިއިރު ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ޔޫރަޕުގެ ގިނަ ގައުމުތަކުން ވެސް ވޭރިއަންޓް ފެނުނު ނަމަވެސް މިހާތަނަށް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއްނުވެއެވެ.
ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޮމިކްރޯން" ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމުގައެވެ.
ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން ބުނެފައިވަނީ "އޮމިކްރޯން" އަކީ ކޮވިޑްގެ މިހާތަނަށް ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމާއި ވެކްސިންތައް އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ނުވަތަ ނޫންކަން އިލްމީގޮތުން ދެނެގަތުމަށް އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެކަމުގައެވެ.