05 Dec 2021, 22:06
މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ގުރުއަތު ނަގައިފިއެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ 350 ކިލޯގެ ޕިކަޕާއި, ވޭނާއި ކާރަށް ޖާގަ ދޫކުރުމަށް، މާލޭގެ 10 ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.
މިރޭ ސިޓީ ކައުންސިލުގައި ކުރިއަށް ދިޔަ ގުރު ނެގުމުގެ ރަސްމިއްޔާތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެންމެ ފުރަތަމަ ނިންމި ނިންމުންތަކުގެ ތެރޭގައި ހިމެނޭ މި ފުރުސަތުގައި، 965 މީހަކު ޕާކިން ސްލޮޓަށް ކުރިމަތިލައިފައިވާ ކަމަށެވެ.
ނަރީޝް ވިދާޅުވީ ޕާކިން ސްލޮޓަށް ކުރިމަތިލީ އެންމެނަށް ވެސް ކުރިމަތިލުމުން ސްލިޕެއް ދީފައިވާނެ ކަމަށެވެ.
ގުރު ނެގުމުގައި ބޭނުންކޮށްފައި ވަނީ މި ސްލިޕް ނަންބަރެވެ. މިގޮތަށް ހިޔާރުކުރީ އެއް އައިޑީ ކާޑު ނަންބަރުން އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލަށް ލައިފައިވުމުން ކަމަށް ނަރީޝް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ގުރު ނެގުމުގެ ރަސްމިއްޔާތު ފޭސްބުކު މެދުވެރިކޮށް ލައިވް ކޮށްފައިވާއިރު، އެފްބީ ލައިވް ބެލި ގިނަ ބަޔަކު ވަނީ ޕާކިން ސްލޮޓަށް އެދި ފޯމު ހުށަހެޅުމުން ދިން ސްލިޕުގައި، ސްލިޕް ނަންބަރެއް އަދި ފޯމު ނަންބަރެއް ވެސް ނެތް ކަމަަށް ބުނެ، ޝަކުވާކޮށް ކޮމެންޓްކޮށްފައެވެ.