މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުން މުހައްމަދު ޝާހިލް ހަމީދު ޖާގަ ހޯދި އިރު، އަންހެން ޑިވިޝަނުގެ ފައިނަލުން ދީނާ އަހުމަދާއި އާމިނަތު އަޒްރާ ޖާގަ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ވެސް ފިރިހެން ފުރަތަމަ ޑިވިޝަނައި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަން އަދި މިކްސް ޑަބްލްސް އިވެންޓުގެ މެޗުތަކެއް ވެސް ކުރިއަށްދިޔައެވެ.

ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އެމްޕީބީއޭ ރޭންކިންގެ ހަވަނައިގައި އޮތް ޝާހިލް ވަނީ އިއްޔެ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. ޝާހިލް އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ރޭންކިންގެ ނުވަވަނައިގައި އޮތް އިސްމާއިލް ޖީހާންއާ ދެކޮޅަށެވެ. އެ މެޗުން ޝާހިލް މޮޅުވީ 9-8 ފްރޭމުންނެވެ.

އިއްޔެ ޝާހިލް ކުޅުނު ދެވަނަ މެޗުގައި ނުކުތީ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާ ދެކޮޅަށެވެ. ޝާހިލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ޝާޒް އަތުން މޮޅުވީ 9-3 ފްރޭމުންނެވެ.

ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީ ފައިނަލުގައި ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒް އާއި ދެވަނައިގައި އޮތް ހުސައިން ފަޔާޒް ވާދަކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކަށެވެ.
އަންހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ވެސް އިއްޔެ ވަނީ ކަށަވަރުވެފައެވެ. އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ އަންހެނުންގެ ރޭންކިންގެ ދެވަނައިގައި އޮތް ދީނާ އާއި ހަތަރުވަނައިގައި އޮތް އަޒްރާއެވެ.

އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު ދެ މެޗުން ވެސް މޮޅުވީ ދީނާއެވެ. ފުރަތަމަ މެޗުގައި ތިންވަނައިގައި އޮތް އާމިނަތު ހަލީމް އަތުން 5-4 ފްރޭމުން ދީނާ މޮޅުވި އިރު، ދެވަނަ މެޗުން ދީނާ މޮޅުވީ މަރިޔަމް ހުދުނާ އަތުން 5-2 ފްރޭމުންނެވެ.

ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލުގެ ޖާގައެއް ވެސް އިއްޔެ ވަނީ ކަށަވަރުވެފައެވެ. އެ ޖާގަ ކަށަވަރުކޮށްފައިވަނީ އަލީ ޝާވިންއެވެ. އޭނާ އިއްޔެ ތިން މެޗެއް ކުޅުނު އިރު، ފުރަތަމަ މެޗުގައި މުހައްމަދު ޝަހުލާން އަތުން 7-2 ފްރޭމުން ވަނީ މޮޅުވެފައެވެ. ޝާވިންގެ ދެވަނަ މެޗުގައި ޝާލިމް އާދަމް އަތުން މޮޅުވީ 7-3 ފްރޭމުންނެވެ. އަދި އިއްޔެ ޝާވިން ކުޅުނު ފަހު މެޗުގައި އައްބާސް ސައީދު އަތުން މޮޅުވީ 7-3 ފްރޭމުންނެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލުގައި ޝާވިންއާ ދެކޮޅަށް ނުކުންނާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ކުޅުންތެރިއެކެވެ. އެ މެޗުގައި ވާދަކުރާނީ އައްބާސް ސައީދާއި އިބްރާހިމް ރަޝީދެވެ.

މުބާރާތުގައި މިއަދު ވެސް މެޗުތަކެއް ކުރިއަށްދާނެއެވެ. މިއަދު ޑަބަލްސް އިވެންޓުގެ މެޗުތައް ފެށޭ އިރު، މިކްސް ޑަބަލްސް އިވެންޓުގެ މެޗުތަކެއް ވެސް ކުރިއަށްދާނެއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.