05 Dec 2021, 19:22
ދިވެހި އާޓިސްޓުންގެ "އަންވީލިން ވިޝަންސް 2021" އާޓް އެގްޒިބިޝަން ހުޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވައިލައްވައިފިއެވެ.
އަންވީލިން ވިޝަންސްއަކީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އާޓް އެގްޒިބިޝަނެކެވެ. މި އަހަރަކީ މި އެގްޒިބިޝަން ބާއްވާ ފަސް ވަނަ އަހަރެވެ.
މި އަހަރުގެ އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން، ޔޫއެންގެ ރެޒިޑެންޓް ކޯޑިނޭޓާ ކެތްރިން ހޭޒްވެލްއާއި އާޓް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާ ވަނީ މިފަދަ އެގްޒިބިޝަނެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީތީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވައިފައިވެއެވެ.

އަންވީލިން ވިޝަންސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާ ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ
މި އާޓް މައުރަޒުން ގިނަ އަދަދެއްގެ ދިވެހި އާޓިސްޓުންނަށް ފުރުސަތު ލިބިގެންދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ މިފަދަ މައުރަޒަކުން އާޓިސްޓުންގެ ފަންނީ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ފަހިވެގެން ދާ ކަމަށެވެ.
މިއަދު އަލަށް ހުޅުވާލެވުނު ވާޗުއަލް ގެލަރީއަކީ ފަންނާނުންނަށް ހުޅުވާލެވުނު ވަރަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
"ވާޗުއަލް ޕްލެޓްފޯމެއްގައި ރާއްޖެއަށް އެކަންޏެއް ނޫން، މުޅި ދުނިޔެއަށް ދިވެހި ފަންނާނުންގެ މަސައްކަތްތައް ފެނިގެންދާނެ، ދިވެހި އާޓިސްޓުންގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މުޅި ދުނިޔެއަށް ފެނިގެންދާނެ،" ޔުމްނާ ވިދާޅުވިއެވެ.
ހަމައެހެންމެ މިފަދަ މައުރަޒެއް ބާއްވާތީ މިނިސްޓަރު ވަނީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއަށް ޝުކުރު އަދާކުރައްވައިފައެވެ.
މިއަހަރުގެ އެގްޒިބިޝަންގައި ހަތް ދާއިރާއަކުން 65 އާޓިސްޓުން ވަނީ ބައިވެރިވެފައެވެ. އެ ކެޓަގަރީތަކަކީ ޑްރޯވިން، ޕެއިންޓިން، ޑިޖިޓަލް އާޓް، ކެލިގްރަފީ، ސްކަލްޕްޗާ، އިންސްޓޮލޭޝަން އަދި މިކްސްޑް މީޑިއާއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކޮންމެ އަހަރަކު ވެސް ދެމުން އަންނަ "ދަ މޯސްޓް ވައިބްރަންޓް އާޓިސްޓް އެވޯޑް" ލިބުނު އާޓިސްޓުން ވެސް ހޮވައިފައެވެ. އެ އާޓިސްޓުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

މޯސްޓް ވައިބްރަންޓް އާޓިސްޓް އެވޯޑް ހާސިލްކުރި ފަންނާނުންނަށް އެވޯޑު ހަވާލުކޮށްދެއްވުން-- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ
ޑްރޯވިން ކެޓަގަރީން މޯސްޓް ވައިބްރަންޓް އާޓިސްޓް އެވޯޑް ހާސިލުކުރީ އިބްރާހިމް މާއިޝް މުހައްމަދެވެ. ޕެއިންޓިން ކެޓަގަރީން މަރިޔަމް ބަރްޝާ މުހައްމަދު އެވޯޑު ހޯދިއިރު، ކެލިގްރަފީ ކެޓަގެރީން ހަސަން ނާޖިހު، އަދި ޑިޖިޓަލް އާޓް ކެޓަގަރީން އަލީ އިމްތިޝާލް ވަނީ މި އެވޯޑް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން މިކްސްޑް މީޑިއާ ކެޓަގެރީން އައިޝަތު ސަޖިޔާން އަބްދުއް ސައްތާރެވެ.
މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެހުމެއް ހަދިޔާކުރައްވައިފައެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކުރެއްވި ކުރެހުން-- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ
އެއަށްފަހު ރައީސް ސޯލިހު ވަނީ އާޓިސްޓުންގެ މަސައްކަތްތައް ބައްލަވައިލައްވައިފައެވެ.
އަންވީލިން ވިޝަންސް 2021 ކުރިއަށްދާނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.