ރިސޯޓުތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރާއިރު ރިސޯޓްތަކުން ގަޑުކޮށް ފައިސާ ނުނަގާ ކޮންމެ އަހަރަކު އެ ރިސޯޓްތަކަށް ސަރުކާރުން ފައިސާ ނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމާ އެކަން މިރޭ އިއުލާންކޮށްފި އެވެ.

ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އަމަލުކުރީ މުއްދަތު އިތުރުކުރާ އިރު ދައްކަންޖެހޭ ފައިސާ އެކީއެކަށް ގަނޑުކޮށް އެއްފަހަރާ ނަގާގޮތަށެވެ.

ޓީވީއެމްގެ ސްޓޫޑިއޯގައި މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދާޅުވީ މުއްދަތު އިތުރުކުރާ ރިސޯޓްތަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެކީ އެކަށް އެއްފަހަރާ ގަނޑުކޮށް ނެގުން ހުއްޓާލީ ހައިކޯޓުގެ ހުކުމަކުން އެ ފައިސާ އެގޮތަށް ނެގުމަށް ހުރަސް އަޅާތީ ކަމަށާއި ގާނޫނުގައި ބުނަނީވެސް މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ވަކިން އެ ފައިސާ ނެގުމަށް ކަމަށެވެ.

"ހައި ކޯޓަށް އެކަން ހުށަހެޅިގެން ހައިކޯޓުގެ ހުކުމެއްގެ ދަށުން އެކަން އެއޮތީ. އަޅުގަނޑުމެންގެ ޕޮލިސީއަކީ އެކަން އިސްތިއުނާފުނުކޮށް ހައިކޯޓުގެ ހުކުމަށް ބޯލަބައި އެއައިގެން ކުރިއަށް ގޮސް 50 އަހަރުގެ މުއްދަތު ވަކި ވަކި އަހަރުތަކަށް [ފައިސާ] ނަގާ ގޮތަށް އިންޑަސްޓްރީ އައިގެން ކުރިއަށް ދާން. އަޅުގަނޑުމެން އެގޮތަށް އަމަލުކުރި އަޅުގަނޑުމެން ގަބޫލުކުރަން ހައިކޯޓުގެ ހުކުމަށް އަޅުގަނޑުމެން ބޯލަބަން ޖެހޭނެކަން. ތަބާވާން ޖެހޭނެ ކަން،" އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ޓެކްސްތަކެއް އަވަސް އަވަހަށް ތައާރަފްކުރުމުން އިންޑަސްޓްރީއަށް ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި މުއްދަތު އިތުރުކުރަން ނަގާ ފައިސާ ވަކި ވަކިން ދައްކަން ފެށުމުން އިންޑަސްޓްރީއަށް ލުޔެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ލުއި ދެވެން އޮތް ހާލަތެއްގައި އިންޑަސްޓްރީއަށްވެސް ލުޔެއް ދޭން،" އަދީބު ވިދާޅުވި އެވެ.

މިރޭގެ ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޒަމީލް ވިދާޅުވީ މުއްދަތު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހަދާފައިވާ ގަވާއިދުގެ ދަށުން ދައްކަންޖެހޭ އެއްލައްކަ ޑޮލަރު ދެއްކުމަށް ފަހު ބައެއް ރިސޯޓްތަކުން 15 އަހަރު އަދި 25 އަހަރައްވެސް މީގެ ކުރިން މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް އަމަލުކުރަން ފެށިކަމުގައިވިޔަސް ކުރިން ގަނޑުކޮށް ފައިސާ ދައްކާފައި ހުރި ފަރާތްތަކަށް އެ ފައިސާ ރިފަންޑް ކޮށްދެވެން ނެތް ކަމަށެވެ.

"އެގިވަޑައިގަންނަވާނެ މިހާރު އިގްތިސޯދު ހާލަތު އޮތް ގޮތް. އެހެންވެ އަޅުގަނޑުމެން އެގޮތަށް ފައިސާ ދައްކާފައި ތިއްބެވި ބޭފުޅުންނަށްވެސް ދަންނަވަން އޮތީ އަޅުގަނޑުމެންނަށް އެ ފައިސާ ރިފަންޑް ކުރެވޭކަށް ނެތޭ. އެބޭފުޅުންނަށް އަޅުގަނޑުމެން މިހާރު ހަމަޖައްސައިދީފައި އޮންނާނީ ކުލިން އެ ފައިސާ ކެޑޭ ގޮތަށް،" ޒަމީލް ވިދާޅުވި އެވެ.

އެ ހުކުމާ އެއްގޮތަށް އަމަލުކުރަން ފެށުމާ އެކު ވަރަށް ގިނަ ފަރާތްތަކުން މުއްދަތު އިތުރުކުރަން އެދިފައިވާ ކަމަށާއި އެ މަސައްކަތް އަންނަ އަންގާރަދުވަހުގެ ކުރިން ނިންމަންޖެހޭ ކަމައްވެސް ޒަމީލް ވިދާޅުވި އެވެ.

މިނިސްޓާ އަދީބު ވިދާޅުވީ ޓޫރިޒަމްގެ އައު ޝިއާރު "އޯލްވެސް ނެޗްރަލް" އަށް ދިޔުމުގެ ބަދަލުގައި "ސަނީ ސައިޑް އޮފް ލައިފް" ގައި އަދިވެސް ރާއްޖެ ޕްރޮމޯޓްކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދީބު ވިދާޅުވީ އެގޮތަށް ނިންމީ ރާއްޖެ އެހެން ބްރޭންޑެއްގައި ޕްރޮމޯޓްކުރުމަށް ބަޖެޓްވެސް ނެތުމާއި އައު ލޯގޯއާއި މެދު ޝަކުވާތަކެއްވެސް ހުރުމުން ކަމަށެވެ.

"އެ ބްރޭންޑް [ސަނީ ސައިޑް އޮފް ލައިފް] އެއީ ގިނަ ބަޔަކު ބަލައިގެންފައިވާ ބްރޭންޑެއް. އެހެންވެ އިންޑަސްޓްރީގެ ގިނ ފަރާތްތަކަށް ފެނުނީ އިހަށް ސަނީ ސައިޑް އޮފް ލައިފައިގެން ކުރިއަށްދާން. އެއީ އައު ބްރޭންޑަކަށް އެވަރުގެ ބަޖެޓެއްވެސް ނެތް. އެހެންވެ އެ އޯލްވެސް ނެޗްރަލް މަޑުޖައްސާލަން މި ނިންމީ،" އަދީބު ވިދާޅުވި އެވެ.