ރާއްޖެއިން ދޫ ކުރާ އެންމެ ކުޑަ ރޭޓުގައި ހޯމް ލޯނު ދޫ ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަށައިފިއެވެ.

ބީއެމްއެލްއިން ދޫ ކުރާ ހޯމް ލޯނު މިހާރު ވަނީ 9 ޕަސެންޓަށް ދަށް ކޮށްފައެވެ. ބީއެމްއެލްއިން ބުނީ މި ލޯނުގެ އެހީގައި ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އެޕާޓްމެންޓު ނުވަތަ ރޯ ހައުސް ގަނެވޭނެ ކަމަށެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ބޭންކުން ދޭނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ހަމަ އެހެންމެ، ބީއެމްއެލް އިން ވަނީ ހޯމް ލޯނުގެ އިތުރުން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ކުދިންނަށް ދޫކުރާ ކިޔަވާ ލޯނުން ވެސް 9 ޕަސެންޓް ކުޑަކޮށްފައެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބީއެމްއެލް މިވަގުތު އޮތީ ލޯނު ޕޯޓުފޯލިއޯގައި ހިމެނޭ ލޯނުތަކުން އިންޓަރެސްޓު ރޭޓު ދަށް ކުރެވޭ ހާލަތެއްގައި ކަން އުފަލާއެކު ފާހަގަ ކުރައްވާ ކަމަށެވެ.

"ދިވޭހިރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެ. މިސާލަކަށް ދަންނަވާނަމަ، 3 މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް 500،000 ރުފިޔާ ރައްކާކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި،" ޓިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ލައިފް ސްޓައިލް ލޯނުތަކުގެ ޝަރުތުތަކަށް ވެސް ބަދަލުތައް ގެނެސް ކަސްޓަމަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލާ އެ ލޯނު ދޫކުރަން ބީއެމްއެލްއިން ވަނީ ނިންމާފައެވެ.

ހަމައެހެންމެ، ބީއެމްއެލް އިސްލާމިކް އިން ޝަރީއާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިންގ ޕްރޮޑަކްޓްތަކަށްވެސް މި ބަދަލު ވަނީ ގެނެސްފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ބޭންކުން ވަނީ ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ޕާސަނަލް ލޯނުތަކަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ލޯނަށް އެދި ހުށައެޅޭގޮތް ހަމަޖައްސާފައެވެ. މިގޮތުން ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް ހުށައެޅޭނެއެވެ.

އަލަށް ކަނޑައެޅުނު ރޭޓުތަކަށް އަމަލު ކުރަމުން ދާނީ މި ހިނގާ ޑިސެންބަރު މަހުން ފެށިގެންނެވެ.