ލ. އަތޮޅު ގަމު، މުކުރިމަގު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަ އަހަރުގެ ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާގެ ހާލު ސިރިއަސް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ ކުއްޖާ އަށް މިވަގުތު ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ ފިރިހެން ކުއްޖާގެ ދެ ފައި ބިނދުމުގެ އިތުރަށް ބޮލަށް ވެސް ސީރިއަސް ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
މިއަދު ހަވީރު 17:15 ހާކަންހާއިރު ހިނގި އެ އެކުސިޑެންޓްގައި ސައިކަލްގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ އިރު ސައިކަލް ދުއްވަން އިން މީހާ އަށް ވެސް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކުސިޑެންޓް ހިނގި ވަގުތު އެ ސަރަޙައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން އެސަރަޙައްދަށް ގޮސް އެތަނުގައި ވަނީ ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ އެކްސިޑެންޑް ހިނގާފައި ވަނީ ލ. ގަން ތުނޑިން ސައިކަލެއްގައި ކައްދޫއަށް ދިއުމަށް އާދަޔާ ޚިލާފު ބާރު ސްޕީޑެއްގައި ސިނަޢީ ބޮޑުމަގުން ދުއްވާފައި ދަނިކޮށް މުކުރިމަގާ އަރާހަމަވިތަނުން އެމަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖާގެގައިގައި ސައިކަލުން ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
އެ މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.