މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ފެބްރުއަރީ އިންޓޭކަށް ހަތަރު ކޯސް އިތުރުކޮށްފިއެވެ.

އެމްއެންޔޫއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އަންނަ ބުރާސަފަތި ދުވަހުން ފެށިގެން މި ހަތަރު ކޯހަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ފެބްރުއަރީ އިންޓޭކަށް އިތުރު ކޮށްފައި ވަނީ:

  • ބެޗްލާ އޮފް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ – ކ. މާލެ

  • އެޑްވާންސްޑް ޑިޕްލޮމާ އިން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ - ކ. މާލެ
  • އެޑްވާންސްޑް ސެޓިފިކެޓް އިން ސައިކޮލޮޖީ – ލ. ގަން
  • ބެޗްލާ އޮފް އާޓްސް (ލައިބްރަރީ އެންޑް އިންފޮމޭޝަން މެނެޖްމަންޓް) – ކ. މާލެ

އެމްއެންޔޫ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 27 ގެ ކުރިން، ހެނދުނު 8:00 އިން މެންދުރުފަހު 14:00ގެ ނިޔަލަށެވެ.

އެމްއެންޔޫގެ ކޯސްތަކަށް އެޕްލައި ކުރާނީ ޔުނިވާސިޓީގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށެވެ.

އެމްއެންޔޫއިން ބުނީ މިފަހަރު އެ ޔުނިވާސިޓީއަށް އެޕްލިކޭޝަން ހުށަހެޅުމުގައި ވަރަށް ގިނަ ލުއި ތަކެއް ދީފައި ވާނެ ކަމަށެވެ.

އެގޮތުން ސެޓްފިކެޓް އެޓެސްޓް ނުކޮށްވެސް އެޕްލިކޭޝަން ބަލައިގަންނާނެއެވެ. އަދި މިފަހަރު އޭލެވެލް ހަދާ ދަރިވަރުންނަށް ފައިނަލް ނަތީޖާ ނުލިބުނު ނަމަވެސް އޭއެސް ލެވެލްގެ ސެޓްފިކެޓާ އެކު ކޮންޑިޝަނަލް އޮފާއާ އެކު ޖާގަ ކަށަވަރުވާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫ އިން ވަނީ އެ ކޯސްތަކާ ބެހޭ މައުލޫމާތު https://courses.mnu.edu.mv/ އިން ލިބެން ހުންނާނެ ކަމަށް ބުނެފައެވެ.