05 Dec 2021, 14:42
ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް އަމްޖަދު ހުސައިންގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށާއި، އެ މައްސަލައިގައި ފަހުން މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.
އަމްޖަދުގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
އެ ހާދިސާ ހިނގީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އެ ހާދިސާ ހިނގި ވަގުތު ސައިކަލު ހުރީ ޕްރިންސިޕަލްގެ ގޭގައި ޕާކުކޮށްފައި ކަމަށް ބާރަށު ކައުންސިލްގެ ރައީސް ސޮފާތު މުހައްމަދު ވަނީ މީގެ ކުރިން "ސަން"އަށް ވިދާޅުވެފައެވެ.

ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް ދިރިއުޅުއްވި ގޭގައި ސައިކަލުގައި ރޯކޮށްލާފައި -- ފޮޓޯ/ ކައުންސިލް
އެކަމާ ގުޅިގެން މިއަދު ސޮފާތު ވިދާޅުވީ، އެ ހާދިސާ ހިނގުމާ ގުޅިގެން ދެތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރުމަށްފަހު ދޫކޮށްލި ކަމަށާއި، އެ މައްސަލައިގައި އިތުރު މީހަކު އޭގެ ފަހުން ހައްޔަރު ނުކުރާ ކަމަށެވެ.
ނ. ވެލިދޫއަށް ނިސްބަތްވާ އަމްޖަދު ވަނީ އެ ހާދިސާއާ ގުޅިގެން ބާރަށު ޕްރިންސިޕަލްކަމުން ވަކިވެ، ށ. އަތޮޅުގެ ރަށަކަށް އާއިލާއާއެކު ބަދަލުވެފައެވެ.
އެ ހާދިސާއާ ގުޅިގެން އަމްޖަދުގެ ތިން ކުދިންނާއި އަންހެނުންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބިފައި ވާކަމަށް ބާރަށު ކައުންސިލުން މައުލޫމާތު ދިނެވެ.
ސޮފާތު ވިދާޅުވީ އޭގެ ފަހުން އަދި ބާރަށަށް ޕްރިންސިޕަލަކު ނުލިބޭ ކަމަށެވެ. އަދި ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވީ ލީޑިންގް ޓީޗަރެއް ކަމަށެވެ.