05 Dec 2021, 14:01
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ހޭދަކުރެއްވި ދެ އަހަރު ދުވަހުގެ އިނާޔަތްތައް ވެސް ހަމަޖައްސައިދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމާން މުހައްމަދު "ސަން"އަށް ވިދާޅުވީ ބަންދުގައި ހުންނެވި އިރުގެ އިނާޔަތްތައް ހޯދުމަށް އެދި އެ މިނިސްޓްރީއަށް ރައީސް ޔާމީންގެ ވަކީލަކު ސިޓީއެެއް ފޮނުއްވައިފައިވާކަމަށެވެ.
"މިނިސްޓްރީއަަށް އެ މަނިކުފާނުގެ ވަކީލެއް ސިޓީއެއް ފޮނުވައިފައިވަނީ. ދެން އަަޅުގަނޑުމެން އަމަލުކުރަމުން މި ގެންދަނީ އެ ކަމުގައި. އަދި ޖަވާބެއް ނުދެން. ވަރަށް އަވަހަށް އެ ސިޓީއަަށް ޖަވާބެއް ދީ އަމަލުކުރާނެ ގޮތެއް ނިންމާނަން،" ލަމާން ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންވުމާއެކު އެ މަނިކުފާނަށް ލިބެންޖެހޭ އިނާޔަތްތައް އެ މަނިކުފާނަށް ދިނުމަށް ޓަކައި ކޮންޓިންޖެންސީ ބަޖެޓުން އިނާޔަތްތަކަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.
ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ. ޖަލަށް ލާން ހުކުމް ކުރި ހިސާބުން އެ އިނާޔަތްތައް އޮތީ މެދުކެނޑިފައެވެ.
ނަމަވެސް މިދިޔަ މަހުގެ 30ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްފައެވެ. އެއާއެކު އަލުން އެ މަނިކުފާނަށް ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި ސެކިއުރިޓީގެ ހިދުމަތް ދައުލަތުން އެ މަނިކުފާނަށް ފޯރުކޮށްދޭންވަނީ ފަށާފައެވެ.
ރައީސް ޔާމީނަށް އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 358،333.33 ރުފިޔާ ލިބޭނެއެވެ.