ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުރަސްއަޅުއްވަމުން ގެންދަވާ މައްސަލާގައި ރައްޔިތުންގެ މަޖީލިހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑިޕީއާ މަޝްވަރާ ކުރައްވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަމީންއާންމު ވިދާޅުވީ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާ އަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުރަސްއަޅާ މައްސަލާގައި އެމްޑީޕީ އާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ޝާހިދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ "މިހާރު ވެސް ކޮންމެވެސް ވަރަކަށް އެބޭފުޅުންނާ [ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން] ޑީލް ކުރައްވަމުން ގެންދަވާ" ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބާއްވަން އުޅުނު ޖަލްސާ އަށް އެމްޑީޕީން ހުރަސްއަޅަމުން ދިޔަ މައްސަލާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ޝާހިދު މަޝްވަރާ ކުރެއްވެވި އެވެ. ނަމަވެސް އެ މަޝްވަރާތަކުން ވެސް ކާމިޔާބީއެއް ލިބިވަޑައިނުގެންނެވުމުން ޝާހިދު އަމިއްލަފުޅަށް މަޖިލީހުގެ ތަޅުމަށްވަޑައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ވާހަކަފުޅުދައްކަވައިގެން ވެސް މަޖިލީސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަހުމަދު ސަމީރު މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ފެށުމާ މެދު ރަސްމީ މަޝްވަރާތަކަށް އަދި ދައުވަތު ދެއްވާފައި ނުވާ ކަމަށެވެ. އަދި މަޝްވަރާތައް ފެށިޔަސް އެމްޑީޕީގެ ސްޓޭންޑަކީ އިންތިހާބެއްގެ ތާރީހެއް ނުލިބެނީސް މަޖިލިސް ހުޅުވިޔަ ނުދިނުން ކަމަށެވެ.

ސަމީރު ވިދާޅުވީ ސަރުކާރުން އިންތިހާބެއްގެ ތާރީހެއް ދެއްވި ނަމަވެސް، ރައީސް ވަހީދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވާ ވަގުތު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ނުތިއްބަވާނެ ކަމަށެވެ.

"މަޝްވަރާ ކުރިއަސް އިންތިހާބެއްގެ ތާރީހެއް ނުލިބެނީސް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ. ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކޮށްގެން ޣައިރު ގާނޫނީ ސަރުކާރެއްގެ ރައީސަކު މަޖިލީހުގައި ރިޔާސީ ބަޔާނެއް އިއްވުމަކަށް ޖާގައެއް ނުދޭނަން. އިންތިހާބެއްގެ ތާރީހެއް ދިނަސް، ރައީސް ވަހީދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވާއިރު، އަޅުގަނޑުމެނެއް ތަޅުމުގައި ނުތިބޭނެ،"