މިއަހަރުގެ ބެލަންޑޯ އެވޯޑް ޕީއެސްޖީއަށް މިހާރު ކުޅެމުން އަންނަ ލިއޮނެލް މެސީއަށް ލިބުމަށްފަހު އަނެއްކާވެސް ޕީއެސްޖީ އާއި ލެންސް ބައްދަލުކުރިމެޗުން އެއްވަރުވެއްޖެއެވެ.

ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑު ހަތް ވަނަ ފަހަރަކަށް އާޖެންޓީނާއާއި ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީ ކާމިޔާބު ކުރީ މިދިޔަ ހަފްތާގައެވެ. އެބެލަންޑޯއާއެކު މެސީ ވަނީ އޭނާއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެން ދެ ބެލަންޑޯ އިތުރަށް ކާމިޔާބުކޮށްފައެވެ. މިފަހަރުގެ އެވޯޑް މެސީ ހޯދީ ބަޔާން މިއުނިކުގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީއާ ވާދަކޮށެވެ.

މެސީއަށް ބެލަންޑޯ ލިބުމަށްފަހު ފްރެންޗު ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ނީސް އަތުން އެޓީމު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗަށްފަހު ރޭ ލެންސް ދަނޑުގައި ޕީއެސްޖީއާއި ލެންސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަރަށް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. މެޗު ފަށައިގެން ފުރަތަމަ 20 މިނެޓުގައި މެސީ ވަރަށް ރަނގަޅު ބޯޅަތަކެއް އެންހެލް ޑި މާރިޔާ އަށް ދިންނަމަވެސް އޭނާ އުފެއްދި ހަމަލާތައް ލެންސްގެ ކީޕަރު ޖީން-ލުއިސް ލެކާ ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗުގައި ދެވަނަ ހާފުގައި ލެންސަށް ލީޑު ނަގައިދިނީ އޭރިއާބޭރުން ފޮނުވާލި ހަމަލާއަކުން 62 ވަނަ މިނިޓްގައި ސެކޯ ފޮފާނާ އެެވެ. ނަތީޖާ ހަމަހަމަކުރަން ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް ލެންސް ކީޕަރު ލެކާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 90 މިނެޓު ކުޅެވުނުއިރުވެސް 1-0 ގެ ނަތީޖާއަކުން ލެންސް މޮޅުވެފައިވަނިކޮށް އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ އެމްބާޕޭ ނެގި ހުރަހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޖިއޮޖީނިއޯ ވައިނަލްޑަމް ބޮލުން ފޮނުވާލި ރީތި ގޯލުންނެވެ.

ޕީއެސްޖީއާއި ލެންސް ބައްދަލުކުރިމެޗުގައި އެންމެ ފަހު މިނެޓުގައި ޖިއޮޖީނިއޯ ވެނަލްޑަމް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--

މި މެޗުން އެއްވަރުވުމާ އެކު ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 17 މެޗުން 42 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 16 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ތިން ވަނައިގައި ރެނެސް އޮތީ 16 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ނީސް އާއި ފަހެއްގައި އޮތް ލެންސަށް ވަނީ 27 ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ލެންސް ވަނީ 17 މެޗު ކުޅެފައެވެ.

ރޭ ކުޅުނު މެޗުގައި ޕީއެސްޖީގެ ޑިފެންޑަރުން ވަރަށް ރަނގަޅަށް ލެންސްގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރިއެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީ މި ލީގުގައި އޭނާގެ ފުރަތަމަ ގޯލު ޖެހީ މީގެ ދެ ހަފްތާ ކުރިންނެވެ.