05 Mar 2012, 19:50
ރައީސް ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާގެ މަގާމުގައި ހުންނެވި އިރު ވަޒީފާ އިން ވަކިވެވަޑައިގަތުމަށް ރައީސް ނަޝީދު އެންގެވި ސަބަބެއް އެގިވަޑައިގެންފައި ނުވާ ކަމަށާއި ނަމަވެސް ވަޒީފާ އިން އިސްތިއުފާ ދެއްވުމަށް އެންގެވީ ރައީސް ނަޝީދު އަންގަވައިގެންކަން އެނގޭ ކަމަށް ޕިއުޓީ ކޮމިޝަނަރު އޮފް ޕޮލީސްގެ މަގާމަށް އިއްޔެ އަންޔަން ކުރެއްވެވި ހުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލީސްގެ މަގާމު ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުސައިން ވަހީދު މިއަދު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ވަޒީފާ އިން ވަކިވުމަށް އެދި ރައީސް ނަޝީދު ހޯމް މިނިސްޓަރަކަށް އޭރު ހުންނެވި ހަސަން އަފީފުގެ އަރިހުގައި ވިދާޅުވި ކަމަށް އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ފަސީހު އެ ވާހަކަ އޭނާގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ އެންގުން އެންގުމާ އެކު، ވިސްނާލުމަށް ޓަކައި ގޭގައި މަޑުކުރެއްވެވި ކަމަށާއި ނަމަވެސް ގޭގައި މަޑުކުރައްވަން ޖެހުނީ އެންމެ ދުވަހަކު ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެހިގެން އައި ދުވަހު ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން އެނބުރި ވަޒީފާ އަށް ނުކުތުމަށް ފުލުހުންގެ އިދާރާ އިން ގުޅުމުން އަލުން ހުންނެވި މަގާމް ފުރައްވަމުންގެންދެވި ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
"އޭގެ ސަބަބެއް މިހާތަނަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ކުރީގެ ކޮމިޝަނާ [ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހް] ކައިރިން އަހާލިން ކޮބައިތޯ ރީޒަނަކީ. ކޮބައިތޯ މައްސަލައަކީ. ކޮމިޝަނަރު އޭރު ވިދާޅުވި ރީޒަނެއް ނެތޭ. ހަމައެއާ އެކު ކޮމިޝަނަރު ގާތުގައި އެހިން ވަޒީފާ އިން ވަކިނުވެއްޖެއްޔާ ކޮންގޮތެއްތޯ އޮތީ. އޭރުގެ ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށް ބަލާ އިރު، ކުރެވޭނެ އެއްވެސް ކަމެއް ނެތޭ ވަޒީފާ އިން ވަކިވިޔަސް. ނަމަވެސް އެ ދުވަހު އަޅުގަނޑު ގޭގައި މަޑުކޮށްލީ. އެކަމަކު އެންމެ ދުވަހަކު މަޑުކުރަން ޖެހުނީ. ޖެހިގެންއައި ދުވަހު (ފެބްރުއަރީ 7) ވަޒީފާ އަށް ނުކުތުމަށް އެންގި،" ފުލުހުންގެ ހިދުމަތުގައި 20 އަހަރު މަސައްކުރައްވާފައިވާ ހުސައިން ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނާ ހިލާފު އަމުރެއް ކުރިއަސް އެކަމަށް އަމަލް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވި އޭނާ އަށް ނިސްބަތްވާ ގޮތަކަށް ގާނޫނާ ހިލާފު އަމުރެއް ކުރީގެ ސަރުކާރަކުން ކޮށްފައި ނުވާ ކަމަށާއި އިސްޖަހައިގެން މަސައްކަތް ކުރަން ޖެހޭ ފަދަ ހާލަތެއް ފުލުހުންގެ ހިދުމަތުގައި ވޭތުވެ ދިޔަ އަހަރުތަކުގައި ކުރަން ޖެހިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުރުސަތު ދީފައި ވެސް ނުވާނެ ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކުގެ ކާރުކޮޅުގެ ޑިކީއިން ރާފުޅިތައް ފެނުނު މައްސަލާގައި އޭރުގެ ކޮމިޝަނަރު ފަސީހު ސުވާލު ކުރެއްވެވި ކަމަށާއި އެ އޮޕަރޭޝަން ފުލުހުން ހިންގި އިރު އޭނާ ހުރީ ފުލުހުންގެ އޮޕަރޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީއަކަށް ކަމަށެވެ.
"އޭރުގެ ކޮމިޝަނަރު ގެންދަވާފައި ވިދާޅުވި، ސިޔާސީ މީހުންގެ ކުރިމަތީގައި ހުސެއިން ]މަގުބޫލު މީހަކަށް ހަދާފައި ތިޔަ ހުރީ[ ތިމަންނަ ވަރަށް މަސައްކަތުންނޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑު ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރަމޭ. އަޅުގަނޑު އެޓެންޑްވީ އޭގައި އިން ކްރިމިނަލް އެލިމަންޓަށޭ. އަޅުގަނޑު ދެކޭ ގޮތުގައި ވެއްޖިއްޔާ ސަކްސެސްފުލް]ކާމިޔާބު[ އޮޕަރޭޝަނެކޭ. ޕޮލިސްގެ ރަނގަޅު ރިސޯސަސް ބޭނުންކޮށްގެންނޭ އެ އޮޕަރޭޝަންސް ހިންގީ،" އެފްބީއައި ނެޝަނަލް އެކަޑަމީ އިން ތަމްރީންތަކެއް ހޯއްދަވާފައިވާ ހުސައިން ވަހީދު ވިދާޅުވި އެވެ.
ހުސައިން ވަހީދު ވިދާޅުވީ ރީކޯ މޫސަގެ ކާރުގެ ޑިކީތެރެއިން "އެ ފެނުނު އެއްޗަކީ ރާ ކަމަށް ނުވި ނަމަ އަދި އެ ކާރަކީ ރީކޯ މޫސާ މަނިކުގެ ކާރަކަށް ވި ނަމަ" އަޅުގަނޑު އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރީކޯ މޫސަގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) ގެއިން ބަނގުރާ ފެނުނު ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މައްސަލައަކީ އޭނާ ކަންބޮޑުވާ މައްސަލައެއް ނޫން ކަމަށެވެ. އަދި ޖާ ހައްޔަރު ކުރި ދުވަހު އެކަން ހިނގައި ދިޔަ ކަމެއް ވެސް އެނގިވަޑައިނުގަންނަވާކަމަށާއި ނަމަވެސް ވަޒީފާ އިން ވަކިވުމަށް ރައީސް ނަޝީދު އެންގެވުމުގެ 30 ވަރަކަށް މިނިޓް ކުރިން އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އަހުމަދު މުނީރު އެ ވާހަކަ ވިދާޅުވި ކަމަށެވެ.