05 Dec 2021, 10:26
މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ޕިކަޕް އަދި ލޮރީ ދަތުރުތަކަށް ނަގާނެ ވަކި އަގެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަނޑަނޭޅި ތިން މަސް ދުވަސްވެއްޖެއެވެ.
އެ މަސައްކަތް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެގޮތުން އެއިރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހިދާޔާ ނަސީރު "ސަން"އަށް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔައްވައްސަށް ކުރާ ދަތުރުތަކަށް ވަކި އަގެއް ހަމަޖައްސަން ނިންމީ މިހާރު ދަތުރުކޮށްދޭ ފަރާތްތަކުން ނަގާ އަގުތަކާ ބެހޭ ގޮތުން އާންމުންގެ ފަރާތުން ޝަކުވާ ލިބިފައިވާތީކަމަށެވެ.
އާންމުންނަށް އޭގެ ސަބަބުން ގިނަ ތަކުލީފުތަކަކާ ކުރިމަތިލާންޖެހޭކަމަށް ވެސް އެއިރު އޭނާ ވިދާޅުވިއެވެ. އަދި އެއިރު ކުރިއަށް ދިޔައީ އަގު ކަނޑައަޅައި، އުސޫލު އެކުލަވާލުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށް ހިދާޔާ ވިދާޅުވިއެވެ. އަދި ވަަރަށް އަވަހަށް އަގު ނެގޭނެ ގޮތުގެ އުސޫލު އާންމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އަގުތައް ނަގާނެ ގޮތުގެ އުސޫލު އާންމު ކުރެވިފައެއް ނުވެއެވެ. އެއާއެކު އުސޫލު އާންމުކުރުމާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ސްޓޭޓް މިނިސްޓަރު ހިދާޔާ "ސަން"އަށް ވިދާޅުވީ އަދިވެސް އުސޫލު ފައިނަލްކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންކަމަށެވެ.
"އަދި ވެސް އުސޫލު ފައިނަލްކުރުމުގެ މަސައްކަތްކުރަމުން އަންނަނީ. ނުނިމޭތީ އާންމު ނުކުރެވި ވަނީ. ވަކި ތާރީހެއް ނެތް އަދި،" އޭނާ ވިދާޅުވިއެެވެ.
ހުޅުމާލެ ފޭސް ދޭއް އާންމުންނަށް ހުޅުވާލުމާއެކު ދެވަނަ ފިޔަވައްސަށް ޕިކަޕް ދަތުރުތަކާއި ޓެކްސީ ދަތުރުތައް ވެސް ވަނީ ފަށާފައެވެ.
ނަމަވެސް އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ދެވަނަ ފިޔަވައްސަށް ކުރާ ޕިކަޕް އަދި ލޮރީ ދަތުރުތަކަށް ނަގާ އަގު ބޮޑުވުމެވެ. އެގޮތުން އާންމުކޮށް ހުޅުމާލެއަށް ކުރާ ޕިކަޕް ނުވަތަ ލޮރީ ދަތުރުތަކަށް 200 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އަގެއް ނެގި ނަމަވެސް ދެވަނަ ފިޔަވައްސަށް ކުރާ ދަތުރުތަކަށް 500 ރުފިޔާއިން މަތިން އަގު ނަގަމުން އަންނަކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ.