ހުޅުމާލޭގައި 10 ބުރިއަށް އިމާރަތްކުރުމަކީ އޭގެ ސަބަބުން ގިނަ ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމެއްކަމަށް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

ހުޅުމާލޭގައި އުސްކޮށް އިމާރާތްކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ ހުޅުމާލެއަކީ ވަކި ގޮތަކަށް ޕްލޭން ކުރެވިގެން ތަރައްގީކުރެވެމުން އަންނަ ތަނެއްކަމަށެވެ. އެހެންކަމުން އެ ޕްލޭނާ ފުށުއަރާ ގޮތަށް ކަަންކަން ކުރާނަމަ ހުޅުމާލޭގެ ހާލަތު ގޯސްވާނެކަމަށެވެ.

"އޭގެ އެންމެ ބޮޑަށް ދިމާވާނެ މައްސަލައަކީ މީހުން ގިނަވެ ތޮށްޖެހި އެތަނުގެ ޑެންސިޓީ ބޮޑުވުން. ޑެންސިޓީ ބޮޑުވީމަ ނިކުންނާނެ މައްސަލަތައް ވަަރަށް ވެސް ގިނަ ވާނެ،" އަކްރަމް ވިދާޅުވިއެެވެ.

އެއާއެކު އޭނާ ވިދާޅުވީ މީހުން ގިނަވާ ވަރަކަށް ހުޅުމާލޭގައި ގާއިމު ކުރަން ޖެހޭ ހިދުމަތްތައް ވެސް ގިނަވާނެކަމަށެވެ. އެގޮތުން އިތުރު ސްކޫލްތަކާއި، ހޮސްޕިޓަލްތައް އަޅަން ޖާގަ ބޭނުންކުރަން މަޖުބޫރުވާނެކަމަށް ވިދާޅުވިއެވެ.

"އިޖްތިމާއީ އެތައް މައްސަލަތަކެއް ނިކުންނާނެ. މާލެއަށްވުރެ މާ ހާލަތު ގޯސްވާނެ. ޕްލޭނުގައި އޮތީ ވަކި ވަރަކަށް. ތިން ބުރިއަށް ނުވަތަ ހަތަރު ބުރިއަށް. އެހެން އޮއްވައި ކުރީ ސަރުކާރުން އެއްވެސް ހަމައެއް ނެތި އެކަން ދުއްވައިލީ. އަސްލު 25 ބުރިއަަށް ހެދުން ވެސް އެއީ ގޯސްކަމެއް. ސޯޝަލް ހައުސިން މިހާރު އެއޮތީ ވަކި ވަރަކަށް ހަދާފައި. ދެން އިތުރަށް 10 ބުރިއަށް ގެތައް އުސްކުރީމާ މައްސަލަ ގޯސްވާނީ،" އޭނާ ވިދާޅުވިއެެވެ.

ހުޅުމާލޭގައި 10 ބުރިއަށް އިމާރަތްކުރުމަށް ހުއްދަ ދީ މަޖިލީހުން އިސްލާހުކުރި ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު ގެޒެޓް ކުރުމަށް ވެސް ޕްލޭނިން މިނިސްޓަރު އަސްލަމްވަނީ ދެކޮޅު ހައްދަވައިފައެވެ.

އެއާއެކު މަޖިލީހުގެ ގަވައިދު ކޮމިޓީއަަށް މި މަހުގެ އެއްވަނަ ދުވަހު ހާޒިރުކުރުމުން އަސްލަމް ވިދާޅުވީ އެކަން އެހެން ކުރެއްވީ އެއީ 10 ބުރިއަށް އިމާރަތްކުރުމަށް ހުއްދަދީ ގަވައިދު ގެޒެޓްކޮށްފިނަމަ ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހޭނެތީކަމަށެވެ.