ފ.ނިލަންދޫގައި ކަނބަލުންނަށް އަމާޒުކޮށްގެން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ބޭއްވި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑޭލައިޓް ސީނިއާ ޓީމުން ހޯދައިފިއެވެ.

ނިލަންދޫގައި "އެމް.ޖޭ.އެމް އެފް.އެން،ޑަބްލިއު.ޑީ.ސީ ވޮލީބޯލް ޓޯނަމެންޓް" ނަމުގައި އެ ރަށުގެ އިޖުތިމާއީ މަރުކަޒު ވޮލީކޯޓުގައި ކުރިއަށް ގެން ދިޔަ މުބާރާތުގެ ފައިނަލް މެޗްގައި އެސް.ޖީ.ސީއާއި ވާދަކޮށް ޑޭލައިޓުން މެޗްކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ނިލަންދޫގެ ކުދިބޮޑު ގިނަބައެއްގެ ތަރުޙީބާއެކު ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗް ނިމުމުން ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަވަނަ ހޯދި ފަރާތްތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނާ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިން ޓީޗަރ ރުޤިއްޔާ އަޙުމަދާއި ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އެމް.ޖޭ.އެމްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް ޙަލީމު ޙަމީދުގެ އިތުރުން ފ.އަތޮޅު ކައުންސިލް އިދާރާގެ އެސް.ޖީއާއި ނިލަންދޫ ކައުންސިލްގެ އެސް.ޖީއެވެ.

ހަމައެހެންމެ، މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭލައިޓް ސީނިއާ ޓީމުގެ ރަޝްފާއެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ އެސް.ޖީ.ސީގެ ޙައްވާ މުޙައްމަދާއި ޑޭލައިޓް ސީނިއާގެ ޔުމްނާ އިސްމާޢިލާއި އެސް.ޖީ.ސީގެ ޣަފޫރާ ޢަބްދުﷲއާއި ޑޭލައިޓް ސީނިއާގެ ޙައްވާ ލީޝާ އާއި އެސް.ޖީ.ސީގެ މިޝްކާ ޢަބްދުލް ޙަލީމްގެ އިތުރުން ޑޭލައިޓް ސީނިއާގެ ރަޝްފާއެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޑޭލައިޓް ޖޫނިއާގެ ޢަރީބާ ޙަސަންއެވެ. ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް އެސް.ޖީ.ސީގެ ޢަލީ ޞޮބާޙު ހޮވުނު އިރު އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ އެސް.ޖީ.ސީގެ މެނޭޖަރު ވަޖީހު މޫސާއެވެ. ފެއާޕްލޭ ޓީމަކަށް ޑޭލައިޓް ޖޫނިއާ ހޮވުނު އިރު ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭލައިޓް ސީނިއާގެ ޙައްވާ ލީޝާއެވެ.

އެމް.ޖޭ.އެމް އެފް.އެން،ޑަބްލިއު.ޑީ.ސީ ވޮލީބޯލް ޓޯނަމެންޓްގެ އެންމެ މޮޅު ފަސް ކުޅުންތެރިން--

ހުސްވި ނޮވެމްބަރު މަހުގެ 25 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ހަތަރު ޓީމަކުން ވާދަކޮށްފައިވާއިރު އެސް.ޖީ.ސީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ ފުރަތަމަ ސެމީފައިނަލް މެޗުވެސް ކާމިޔާބުކޮށް 100 ޕަސެންޓުގެ މޮޅުވުމުގެ ރެކޯޑަކާއެކުއެވެ.

އެހެން ނަމަވެސް ގްރޫޕް ސްޓޭޖްގައާއި ސެމީފައިނަލް ފުރަތަމަ މެޗްގައި އެސް.ޖީ.ސީއަތުން ބަލިވެފައިވީ ނަމަވެސް 2 ވަނަ ސެމީފައިނަލް މެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ޑޭލައިޓް ސީނިއާ ޓީމު އިއްޔެ ފެނުނީ މުޅިން ތަފާތު ރޫޙެއްގައެވެ. ނަތީޖާއެއްގެ ގޮތުން މުޅިމ މެޗުގައި ވެސް ޑޭލައިޓް ސީނިއާ ޓީމު ފެނުނީ އެސް.ޖީ.ސީއަށްވުރެ ހުރިހާ ގޮތަކުންވެސް ތަފާތުކޮށެވެ.

ނިލަންދޫއަކީ މިފަހަކަށް އައިސް ދެ ޖިންސަށް އަމާޒުކޮށްގެން ވޮލީއާއި ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތައް ރާވާ ހިންގަމުން އަންނަ ރަށެއް ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ޢާލަމީ ވަބާއާ ގުޅިގެން ފާއިތުވި ދޮޅުއަހަރެއްހާ ދުވަހު މުބާރާތްތައް ނުބޭއްވި ދިއުމަށްފަހު މިހާރު މިވަނީ މުބާރާތްތައް ކުރިއަށް ގެންދަން ފަށައިފައެވެ.

އެނގިފައިވާ ގޮތުގައި ނިލަންދޫގައި ދެން އެންމެ އަވަހަށް އޮންނާނީ ފ.އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.