ތެހެރާން (ޑިސެންބަރު 5) : އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒާ ވިއްސަކަށް ކިލޯމީޓަރަ ކައިރި ހިސާބެއްގައި އިއްޔެ ގޮވި ގޮތްނޭންގޭ އެއްޗަކީ އިސްރާއީލުން ދީފާނެ ޓެރަރިސްޓް ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން ހިންގި އަސްކަރީ ތަމްރީނެއްގެ ތެރެއިން ގޮވި އެއްޗެއްކަމަށް އެގައުމުގެ ސިފައިން ބުނެފިއެވެ.

ނަންހާމަކުރަންނޭދޭ އީރާނުގެ ސިފައިންގެ މަސްއޫލުވެރިއަކާ ހަވާލާދީ އީރާނުގެ މީޑިއާ ބުނާގޮތުން ނަތަންޒް ނިއުކްލިޔާ މަރުކަޒާ ކައިރި ހިސާބެއްގައި ގޮވާފައިވާ އެއްޗަކީ އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން ބިމުން ޖައްވަށް ފޮނުވާލި މިސައިލެއް ވައިގެތެރޭގައި ގޮއްވާލުމުގެ ސަބަބުން ވެއްޓުނު އެއްޗެކެވެ.

މި ތަމްރީންއަކީ ދުޝްމަނުން (ޒަޔަނިސްޓް އެންޓިޓީ) ނަތަންޒް ނިއުކްލިޔާ މަރުކަޒަށް ދީފާނެ ހަމަލާއަކަށް ރައްދު ދިނުމުގެ ގާބިލްކަން އީރާނުގެ ވައިގެ ދިފާއީ ބާރުތަކުގައި ހުރި އަވަސްމިން ވަޒަންކުރުމަށް ޓަކައި އަޖުމަބެލުމަށް ކުރި މިސައިލް ތަޖްރިބާއެއްކަމަށް އީރާނުގެ މީޑިއާ ބުނެފައިވެއެވެ. މިގޮވުމާ ގުޅިގެން ކުރިން ބެލެވިފައި އޮތީ މިއީ ނަތަންޒް މަރުކަޒަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް އިސްރާއީލުން ފޮނުވާލި މިސައިލެއް ވައްޓާލުމަށް އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން ދިން ހަމަލާއަކާ ގުޅޭ ގޮވުމެއް ކަމުގައެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދީ އުދުވާން ހިންގާނެކަމަށް ބުނެ އިސްރާއީލުން ދޭ އިންޒާރުތައް މިފަހަކަށް އައިސްވަނީ ވަރަށް ގިނަވެފައެވެ. މި އިންޒާރުތައް ގިނަވެފައިވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމަށްޓަކައި އީރާނުގެ އައު ސަރުކާރާއެކު އެމެރިކާއިން ވިއެނާގައި ވާހަކަތައް ފެށުމާ ގުޅިގެންނެވެ.

އިސްރާއީލުންވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާ ދެކޮޅުކަން ތަކުރާރުކޮށް ހާމަކޮށް އެކަމާދެކޮޅަށް އެމެރިކާއަށް ފިއްތުންތައް ކުރިމަތިކޮށްފައެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ މައްސަލާގައި މުއާމަލާތްކުރެވޭނެ ހަމައެކަނި ގޮތަކީ ޑިޕްލޮމަސީ ކަމަށްބުނެ އެމެރިކާ ވަނީ ނިއުކްލިޔާ ވާހަކަތަކަށް އެނބުރި ރުޖޫއަވެފައެވެ.

ކުރިން މިވާހަކަތައް ކުރިޔަށްދިޔައީ އީރާނުގެ ކުރީގެ ރައީސް ހަސަން ރޫހާނީގެ ސަރުކާރާއެކުގައެވެ. ނަމަވެސް ފަސް މަހުގެ މެދުކެނޑުމަކަށްފަހު މިދިޔަ ހަފްތާގައިވަނީ އީރާނުގެ މިހާރުގެ ރައީސް އިބްރާހީމް ރައީސީ ގެ ސަރުކާރާއެކުވެސް ވާހަކަތައް އަލުން ފަށާފައެވެ. މިވާހަކަތައް ކާމިޔާބުވެ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވެއްޖެނަމަ އީރާނާ ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް އަންނާނެއެވެ.

އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންކުރާ އެގައުމުގެ ދިމޯނާ ނިއުކްލިޔާ މަރުކަޒު

ވާހަކަތައް ބިނާކުރަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އީރާނުންވެސް ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް ކުރިޔަށްގެންދާ ޔުރޭނިޔަމް މަތީފެންވަރަށް ފައްކާކުރުން ހުއްޓާލުމުގެ މައްޗަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން މިހާރަށްވުރެ ބޮޑަށް އީރާން ބާރުގަދަވެގެންދާނެކަމަށް ބަލައި އިސްރާއީލު ގެންދަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ ބިރު ދައްކަމުންނެވެ. އިސްރާއީލުގެ އިންޒާރުތަކުގެ މައިގަނޑު ބޭނުމަކީ ނިއުކްލިޔާ ވާހަކަތަކަށް ބާރާއި ނުފޫޒު ފޯރުވުންކަމަށް މުހައްލިލުން ދެކެއެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލާނެކަމުގެ އިންޒާރު އިސްރާއީލު ދެމުންގެންދާތާ ވިއްސަކަށް އަހަރުވެފައިވާއިރުވެސް ޓެރަރިސްޓް ހަމަލާތައް ދީގެން އީރާނުގެ ބައެއް ސައެންސްވެރިން އަވަހާރަކޮށްލުމާއި އީރާނުގެ ޚާއިނުން ބޭނުންކޮށްގެން ނިއުކްލިޔާ ބައެއް ތަންތަނުގައި ވެންޑަލިޒަމްގެ ޓެރަރިސްޓް އަމަލުތައް ހިންގުމާއި އީރާނުގެ ނިއުކްލިޔާ ވިއުގަތަކަށް ސައިބާ ހަމަލާތައް ދިނުންފިޔަވައި އެހެން ކަމެއް ކުރަން އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

އީރާނުންވަނީ އެގައުމުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާދީފިނަމަ ފަލަސްތީނުގެ ބިމުގައި އިސްތިއުމާރީ އުސޫލުން ގާއިމްކޮށްފައިވާ އިސްރާއީލެވެކިޔާ ދައުލަތް ވުޖޫދުން ފުހެލާނެކަމުގެ އިންޒާރު ދީފައެވެ.

އަނެއްކޮޅުން އިސްރާއީލުގެ އެންމެ ބޮޑު ނިއުކްލިޔާ މަރުކަޒު ކަމަށްވާ ދިމޫނާ ނިއުކްލިޔާ މަރުކަޒު ހުންނަނީ އީރާނުގެ ދުރުރާސްތާގެ މިސައިލްތައް ފޯރާ ހިސާބުގައެވެ. އަދި އީރާނުގެ މަދަދު ލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ މިސައިލްތަކާއި ފަަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އުފައްދާ މިސައިލްތަކަކީވެސް އެމަރުކަޒަށް ހަމަލާދެވެވަރުގެ މިސައިލްތަކެކެވެ. މިއީ އީރާނަށް ސީދާ ގޮތެއްގައި ހަމަލާ ދިނުމަށް އިސްރާއީލު ޖެހިލުންވާ މައިގަނޑު ސަބަބެއް ކަމަށްވަނީ ބެލެވިފައެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާކަމާއި އެކަން ކުރުމުގެ ފުރުސަތު ނުދޭނެކަމުގެ އިންޒާރު އެމެރިކާއާއި އިސްރާއީލު ދެމުންގެންދާއިރު އެދެގައުމަކީ ނިއުކްލިޔާ ހަތިޔާރު ގިނަ އަދަދަކަށް އުފައްދާފައިވާ ދެގައުމެވެ. ބައިނަލްއަގްވާމީ ގާނޫނުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ ހުރިހާ ގައުމުތަކަކަށްވެސް މަނާކަމެކެވެ. އޭގައި ބޮޑެތި ބާރުތައް އިސްތިސްނާއެއް ނުވެއެވެ.