05 Mar 2012, 19:28
އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އޮންނަ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބެއް ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރާއްޖޭގެ ސިޔާސީ ހަތަރު ޕާޓީއެއް، ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
ރާއްޖޭގެ ސިޔާސީ ހަތަރު ޕާޓީ ކަމަށްވާ، ޕީޕަލްސް ޕާޓީ އާއި އެމްއެސްޑީޕީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އަދި އައިޑީޕީ އިން ކޯލިޝަން ހަދައިގެން އުފައްދާފައިވާ "މިނިވަން އިއްތިހާދުން" މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ މަސްލަހަތު މިހާރު އޮތް ގޮތުން، ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް ޓަކައި 2013 ވަނަ އަހަރުގެ ކުރިން ރިޔާސީ އިންތިހާބެއް ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓަކަށް ދިޔުން މުހިންމު ކަމަށެވެ.
އަދި ގައުމުގެ ވެރިކަން ބައްޓަންވެގެން ދާން ޖެހޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ފަރާތަކުން ރައްޔިތުން ހަވާލު ކުރި މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތަށް ކަމަށާއި މިއަދު ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ޓަކައި އަވަސް އިންތިހާބެއް ރައްޔިތުން ބާއްވަން އެދޭކަމުގައިވާ ނަމަ އެކަމަށް ވެސް މަގުތަނަވަސް ކުރެވެން ޖެހޭނެ ކަމަށް ހަތަރު ޕާޓީން ސޮއިކޮށް، ނެރުނު އެ ނޫސްބަޔާނުގައި ގޮވާލާފާވެ އެވެ.
އަދި ކިބުރުވެރިކަމާއި ބޮޑާކަމާއި ގޮތް ދޫނުކުރުން ދޫކޮށްލައި ވަގުތީ ފައިދާ އާއި އަމިއްލަ އެދުމުން އެއްކިބާވެ، ހަރުކަށިކަން ދޫކޮށްލުމަށް ފަހު ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ބަސް ދެނެގަތުމަށް ފަސްޖެހިވަޑައިނުގަތުމަށް އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް އެބަޔާނުގައި ގޮވާލާފައިވެ އެވެ.