19:00


ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ސިލްސިލާ ހަމަނުޖެހުންތައް ހިންގަމުންދާތީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ސަމާލުވުމަށް ޖަރުމަނު ވިލާތާއި އިނގިރޭސިވިލާތުގެ ސަރުކާރުން އިލްތިމާސްކޮށްފި އެވެ.


ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމޮންވެލްތު އޮފީސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އާ ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ފެންމަތިވި މައްސަލަތަކަކަށްފަހު ވެރިރަށް މާލޭގައި ސިޔާސީ މުޒާހަރާތަކާއި އެއްވުންތައް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން މުޒާހަރާތައް އިތުރަށް ހޫނުވެ، އިޖްތިމާއީ ހަމަނުޖެހުން ބޮޑުވުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ސަމާލުވުމަށް އެގައުމުން އިލްތިމާސްކޮށްފައިވެ އެވެ.


މީގެ އިތުރުން، ޖަރުމަނުވިލާތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ އެގައުމުގެ ރައްޔިތުން އިތުރަށް ސަމާލުވުމަށް ގޮވާލާ، އެމީހުންގެ ދަތުރުގައި ވެރިރަށް މާލެއަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.


މިކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަސަރުކުރާނެތޯ ސަންއެފްއެމުން ދެންނެވުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް ނުވަތަ މަޓީގެ ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހިމް މުހައްމަދު ވިދާޅުވީ، ހަމަނުޖެހުން ބޮޑު އެއްވެސް ގައުމަކަށް ފަތުރުވެރިން ޒިޔާރަތްކުރާކަށް ބޭނުމެއް ނުވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް އުފެދިފައި މިވާ ސިޔާސީ މައްސަލަތައް ދިގުލައިގެން ގޮސް، މާރާމާރީ އާއި ބޮޑެތި ހަމަނުޖެހުންތައް ހިންގަން ފަށައިފިނަމަ އެއީ ޓޫރިޒަމް އިންޑަސްޓްރީއަށް އަސަރުކުރާނެ ކަމެއް ކަމަށާއި އެކަމާ ސީރިއަސްކޮށް ވިސްނަންޖެހޭނެ ކަމަށް ވެސް ސިމް ވިދާޅުވި އެވެ.