05 Mar 2012, 18:33
ފުލުހުންގެ މުއައްސަސާއަކީ މިއަދު ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންތަނަކަށް ވެފައިވާ ކަމަށާއި އެންމެހައި ފުލުހުން ބޭނުންވާ ދުވަސް މިއަދު އައިސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް އިސްކަންދީގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކާ ބެހޭ ގޮތުން އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ އޮޕަރޭޝަނަލީ އިންޑިޕެންންޑެންޓްކޮށް ހިނގަމުންދާ ތަނެއް ކަމަށެވެ. ސިޔާސީ އެއްވެސް ނުފޫޒެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފަރާތަކުން ވެސް އަދި ފުލުހުންގެ މުއަސްސަސާގެ ބަލަދުވެރިފާތް ކަމުގައިވާ ހޯމް މިނިސްޓްރީ ހިންގަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ފަރާތަކުން ވެސް ނާންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ސިޔާސީ އެއްވެސް ނުފޫޒެއް ނެތް އެއްވެސް މަސައްކަތެއްގައި. ރައީސުލްޖުމްހޫރިއްޔާގެ ފަރާތަކުން ވެސް ހޯމް މިނިސްޓަރުގެ ފަރާތަކުން ވެސް ނެތް. އޮޕަރޭޝަނަލީ ވަރަށް އިންޑިޕެންޑެންޓްކޮށް ހިންގަވަމުން މިދަނީ. މި މާހައުލު ފުލުހުންގެ ތެރޭގައި އޮންހާ ހިނދަކު އަޅުގަނޑަށް ޔަގީން ދިވެހި އެންމެހައި ފުލުހުން ބޭނުންވާ ދުވަސް މިއަދަކީ. އެތަނަކީ ސިޔާސީ ނުފޫޒު ނެތް، ދިވެހިރާއްޖޭގެ ގާނޫނު ފޮތްބައި އެއީ އެއްޗެއްގެ ގޮތުގައި ބަލައިގެން ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ދިނުން،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސައަކީ ގައުމުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމުގެ ބާރު މިނިވަންކަމާ އެކު ލިބިފައިވާ ތަނެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ އިތުބާރު ގެއްލިފައިވާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދައި ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކާނެ ކަމަށެވެ.
ގައުމުގެ މަސްލަހަތު ގާއިމް ކުރުމުގެ އެންމެ މުހިއްމު އެއް ފަރާތްތަކީ ސިޔާސީ އުސް ފަރާތްތައް ކަމަށް އިޝާރާތް ކުރައްވައި ރިޔާޒް ވިދާޅުވީ ގައުމުގައި ސުލްހަމަސަލަސްކަން ގާއިމް ކުރުމަށް ސިޔާސީ ފަރާތްތަކުން މަޝްވަރާގެ އުސޫލް އިސްކަން ދެއްވުމަށް އެދޭ ކަމަށެވެ.
ފުލުހުންގެ މުއައްސަސާ ބަދުނާމްކޮށް އަޑުފަތުރަމުން ދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، ރިޔާޒް ވިދާޅުވީ ހާއްސަކޮށް ސިޔާސީ ފަރާތްތަކުން ފުލުހުންގެ މުއައްސަސާ ބަދުނާމުކޮށް ދައްކަވަމުން ގެންދާ ވާހަކަތައް ނުދެއްކެވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި ފުލުހެއްގެ ފަރާތުން ނޭދެވޭ އަމަލެއް ފާހަގަ ކުރެވިއްޖެ ނަމަ އެ މައްސަލައެއް ފުލުންނަށް ހުށަހެޅުއްވަމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ހާއްސަކޮށް ސިޔާސީ ބޭފުޅުންނަށް ދަންނަވަން ބޭނުން ފުލުހުންގެ މުއައްސަސާ، މި އިންސްޓިޓިއުޝަން ބްލޭމް [ބަދުނާމް] ނުކުރައްވާށޭ. މި އިންސްޓިޓިއުޝަން އަށް ފުރުސަތުތަކެއް ދޭން އެބަޖެހޭ. މިތަން ތަރައްކީ ކުރުމަށް ވެސް. އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ފުލުހަކު ގޯހެއް ނަހަދާނޭކޭ އަޅުގަނޑު ނުދަންނަވާނަން. ކޮންމެވެސް ކަމެއް ކުރެވިދާނެ. އެކަމެއް ޖެހޭނީ އަޅުގަނޑުމެން ބަލާފައި ކުރެވެން އޮތް ފިޔަވަޅުތަކެއް އަޅުއްވަން،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ހައްޔަރު ކުރާ މީހުންގެ ކަރަށް ރާ އަޅާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައަޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ މަސްލަހަތު ނަގާލެވޭނެ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ފުލުހުން އަމަލު ކުރާނެ ގޮތެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް ރިޔާޒް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ދަންނަވަން އެއްވެސް ގޮތަކަށް ހަމަޖެހިފައި އޮތް ކަމެއް ނޫން އެއީ. ނުވެސް އޮންނާނެ، އަޅުގަނޑުމެން ކުރާނެ ކަމެއް ވެސް ނޫން، މީހުންގެ ގަޔަށް ރާޖަހާފައި މީހުންގެ ކަރަށް ރާ އަޅައިގެން އެކަންކަން ކުރުމެއް ނޯންނާނެ. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
ފުލުހުން މިއަހަރު އިސްކަންދޭނެ ފަސް ކަމެއްގެ މައްޗަށް އަލިއަޅުއްވާލައްވައި ރިޔާޒް ވިދާޅުވީ ޑްރަގް ޓްރެފިކިން އާއި އޮގަނައިޒްޑް ކްރައިމް އާއި ވައިލަންޓް ކްރައިމް އާއި ރޯޑް ސޭފްޓީގެ އިތުރުން ކައުންޓާ ޓެރަރިޒަމް ހުއްޓުވުމަށް ފުލުހުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
ބޮޑެތި ޖަރީމާތައް ނުވަތަ އޮގަނައިޒް ކްރައިމް ހިންގާ ފަރާތްތަކަކީ ކޮބައިތޯ ބަލައި ހޯދުމަށް ގިނަ މަސައްކަތްތަކެއް މިއަހަރު ފުލުހުން ކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެކަމަކީ ފުލުހުން ވަރަށް އިސްކަން ދޭނެ ކަމެއް ކަމަށް ފާހަގަ ކުރައްވައި ރިޔާޒް ވިދާޅުވީ އެފަދަ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ހޯދައިގެން ގާނޫނު ކަނޑައަޅާފައިވާ އަދަބު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މުޖުތަމައު އަމާން މާހައުލެއްގައި ބޭއްވުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނީ ފުލުހުންނަށް ބޭނުންވާ ގާނޫނުތައް ވުޖޫދަށް އައިސްގެން ކަމަށެވެ. އެގޮތުން ކްރިމިނަލް ޕްރޮސީޖާ ކޯޑާއި ހެއްކާ ބެހޭ ގާނޫނު ފަދަ މުހިއްމު ގާނޫނުތަކެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް ރިޔާޒް މަޖިލީހުގެ މެންބަރުންނަށް ގޮވާލެއްވެވި އެވެ.